25 Apr 2015, 16:13
މިއަހަރު ބޭއްވި ޕީޕަލްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާ ސިގަޕޫރުގެ ލަޔަންސް ބައްދަލު ކުރި މެޗް ގައި ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ނިއުރޭޑިއަންޓް މިޑްފީލްޑާ މުޙައްމަދު ރަޝީދު (ހޮކޭ) ފައިން އެރި މައްސަލައިގައި އޭނާ ހަ މެޗަށް ސަސްޕެންޑްކޮށް 15،000 ރުފިޔާ އިން ޖުރިމަނާ ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިންމައިފިއެވެ.
އެފްއޭއެމްއިން އާންމުކުރި ބަޔާނެއްގައި ވަނީ އެއިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއިން ހޮކޭއާ މެދު ފިޔަވަޅު އަޅާފައިވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓާއި އެހާދިސާގެ ވީޑިއޯ އާއި ރެފްރީ ކޮމިޓީއަށް ދީފައިވާ ބަޔާންތަކުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ ކަރަށް ފައިއެރި ކުޅުންތެރިޔާ އިންޖަރީވެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ޑިސޕްލިނަރީ ކޮމިޓީން ހޮކޭއާ ދެކޮޅަށް މިފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ކޮމިޓީގެ އިއްތިފާގުން ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
ހޮކޭ 15،000 ރުފިޔާ އިން ޖޫރިމަނާ ކުރިއިރު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ އޭނާއަށް އަންގާފައެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭއާ ލަޔަންސްގެ ކުޅުންތެރިޔަކާ މެދު ކުރިމަތިލުމެއް ހިނަގަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ރ. އަލިފުއްޓަށް އުފަން ހޮކޭ ކެރިއާރ ފެށީ ވެލެންސިއާއިންނެވެ. އެއަށްފަހު ވިކްޓްރީއަށް ކުޅުމަށްފަހު އޭނާ ނިއުއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ.