25 Apr 2015, 14:30
ހުޅުމާލެ ބީޗް ސަރަހައްދުން ބިޔަރު ދަޅުތަކަކާ އެކު ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އުމުރުން 17 އަހަރުގެ ދެ ފިރިހެން ކުދިންނާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ހުޅުމާލެ ބީޗު ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ބީޗް ހަޓާދިމާ އަތިރިމަތީ ގަސްތަކެއް ތެރެއިން ކަމަށެވެ.
ބިޔަރު ދަޅުތައް ފެނިފައި ވަނީ އެމީހުންނާ ސުވާލުކުރަމުން ދަނިކޮށް އެތަނުން އެކެއްގެ ފައިދަށުން ބިޔަރު ދަޅެއް ފެނުމާ ގުޅިގެން އެމީހުން ތިބި ސަރަހައްދު ބަލައި ފާސްކުރި އިރު އެސަރަހައްދުންނެވެ. އެގޮތުން އެ ސަރަޙައްދު ބަލައި ފާސްކުރި އިރު ފަސް ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.