25 Apr 2015, 14:26
ނޭޕާލުގެ ވެރިރަށް ކަތަމަނޑު އަށް 7.9 ގެ ބާރުމިނުގައި މިއަދު އައި ބާރު ހަދަ ބިންހެލުމުގައި ކަތަމަންޑޫގެ ތާރީހީ އިމާރާތެއް ކަމަށްވާ ދަރަހަރާ ޓަވަރު ބިމާ ހަމަވެއްޖެ އެވެ.
ނޭޕާލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ބޭނުމުގައި އިމާރާތްކޮށްފައިވާ އެ ޓަވަރު ބިމާ ހަމަވެފައިވާ ކަމަށް އިންޑިއާގެ ޒީ ނިއުސް އަދި ވަރަށް ގިނަ އެޖެންސީތަކުން ދަނީ މައުލޫމާތު ދެމުންނެވެ. އަދި ޓަވަރު ބިމާ ހަމަވެފައިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
ބިންހެލުމުގެ ސަބަބުން ދަރަހަރާ ޓަވަރު ބިމާ ހަމަވެފައިވާ އިރު އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ނުވާކަމެއް ޔަގީނެއް ނުވެ އެވެ.

ނޭޕާލުގެ އިންފޮމޭޝަން މިނިސްޓަރު މިނެންދުރަ ރިޖާލާއާ ހަވާލާދީ އެންޑީޓީވީ އިން ބުނީ ބިންހެލުމުގައި ގެއްލުންތަކެއް ވެފައިވާ ކަމުގެ ރިޕޯޓް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އަދި މިހާތަނަށް މީހަކަށް ގެއްލުންވިކަން ނޭނގޭ ކަމަށެވެ.
މީގެ ކުރިން 1834 ވަނަ އަހަރު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއް ގައި ދަރަހަރާ ޓަވަރު ބިމާ ހަމަވުމާ ގުޅިގެން ނޭޕާލުގެ ސަރުކާރުން ވަނީ ޓަވަރު އަލުން މަރާމާތުކޮށްފަ އެވެ. އެހެންނަމަވެސް އޭރު ހުރި ޓަވަރުގެ ދިގުމިނަކީ 11 ބުރި އެވެ. މިއަދު ބިމާ ހަމަވި ޓަވަރުގެ ދިގުމިނަކީ ނުވަ ބުރި އެވެ.
ހިމްސެން ތާޕާގެ ބޮޑު ވަޒީރު ކަމުގައި 1832 ވަނަ އަހަރު ކަތަމަންޑޫގައި އިމާރާތް ކުރި އެ ޓަވަރުގެ ދިގު މިނުގައި 61.88 މީޓަރު ހުރެ އެވެ.