25 Apr 2015, 13:48
ތިލަފުށީގައި ބަނދަރުހެދުމާއި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރުމަށްވާ އެއްބަސްވުން އެކުލަވާލުމުގައި ގައުމަށް އެންމެ ރަނގަޅު ޑީލެއް ހޯދަން ދުބާއީ ޕޯޓްސް (ޑީޕީ ވޯލްޑް) އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އިކޮނަމިކް ކައުންސިލްގެ ކޯ ޗެއާ އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަހުމަދު އަދީބާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިގު އިބްރާހިމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
ޑީޕީ ވޯލްޑްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ އެ ކުންފުނީގެ ޗެއާމަން ސުލްޠާން އަހުމަދު ބިން ސުލެއިމް އާއި ކުންފުނީގެ އިސްބޭފުޅުންނެވެ.
ތިލަފުށީގައި ބަނދަރާއި ފްރީޓްރޭޑް ޒޯނެއް ގާއިމުކުުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޑީޕީ ވޯލްޑުން ސޮއިކޮށްފައި ވަނީ، 19 މާޗްގަައި ދުބާއީ ގައެވެ.
އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ގާއިމް ކުރާ ފްރީ ޒޯނާއި އެސަރަހައްދު ހިއްކުމާއި ރިވެޓްމަންޓު ޖެހުމާއި މުޅި ޕޯޓުގެ ފެސިލިޓީ ގާއިމް ކުރުމާއި މުޅި އޮޕަރޭޝަނުގެ ހުރިހާ ކަމެއް ކުރާނީ ދުބާއީ ވޯލްޑުން ކަމަށް އަދީބު ވަނީ ކުރިން ވިދާޅުވެފައެވެ. މި އިންވެސްޓްމެންޓްގެ އަގު 250 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރާއި ދެމުދުގެ އަދަދަކަށް އަރާނެ ކަމަށް ވެސް މިނިސްޓަރު އަދީބު ވަނީ ވިދާޅުވެފައެވެ.