ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަޒުމީލް އަހްމަދު ވިދާޅުވީ "އަނިޔާވެރިކަން ނިންމަން" މިނަމުގައި ޒުވާނުންތަކެއް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ހިނގާލުމުގައި ބަޔަކު ހައްޔަރުކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ ކުރިއަށްގެންދިޔައީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި އެ ހިނގާލުމުގެ ތެރެއިން ދެ ޒުވާނަކާއި "18 އަހަރު ނުފުރޭ ކުއްޖަކު" ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މޭ އެކެއްގައި އަނިޔާވެރިކަން ނިންމަން ޖެހޭ ސަބަބުތަށް ބަޔާންކުރުމުގެ ގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއް އެއީ، އެހެންވީމަ ހިނގާލުމުގެ ތެރެއިން ޒުވާނުން ހައްޔަރު ކުރި ކުރުން އަޅުގަނޑުމެން ކުއްވެރި ކުރަން." އަޒުމީލް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޒުވާނުން ކަސްތަޅު އަޅުވާފައި ކަމަށާއި މޭ އެކެއްގައި އެކަން ނިމުމަކަށް ގެންނާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެމްޑިޕީގެ ޒުވާނުންގެ ގޮފީގެ މެންބަރުން ވަނީ ބުނެފަ އެވެ.

މޭ އެކެއްގައި އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ބުނެ ސަރުކާރާއި އިދިކޮޅި ޕާޓީތަކުން ދަނީ އެދުވަހު ދިވެހި ހުރިހާ ރައްޔިތުން މާލެ އައުމަށް ގޮވާލަމުންނެވެ.