މިއަދު މެންދުރު ނޭޕާލްގެ ލަމްޖުންއަށް އައި 7.9 މެގްނަޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން ނޭޕާލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު ބެލުމަށް މަސައްކަތްތަކެއް ފަށައި އެކުދިންނާ ގުޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ދުންޔާ 'ސަން'އަށް ވިދާޅުވީ، ބިންހެލުމާ ގުޅިގެން ފޯން ލައިންތަކާ މޯބައިލް ފޯންގެ ކަވަރޭޖަށް މައްސަލަ ދިމާވެފައިވުމުގެ ސަބުން ކަތުމަންޑޫގައި ތިބި ކުދިންގެ ޚަބަރެއް އަދިނުވާކަމަށެވެ.

ދުންޔާ ވިދާޅުވީ، އެހެން މިނިސްޓްރީ ތަކާއި ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން ކުދިންގެ ލިސްޓެއް އެކުލަވައިލައި އެކުދިންގެ ހާލަތު ދެނަގަތުމަށް މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ.

ނޭޕާލަށް އައި ބިންހެލުން ރެކޯޑް ކުރެވިފައިވާ މިންވަރު ދައްކުވައިދޭ މެޕެއް

ނޭޕާލު ގަޑިން މެންދުރު 11:56ގައި ހަތް މޭލު ބިމުގެ އަޑިންއައި މިބިންހެލުމުގެ ސަބަބުން ބޮޑެތި އިމާރާތްތަކެއް ވަނީވެއްޓިފައެވެ. އަދިމިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް މިއަދު އައި ބިންހެލުމުގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ

އެންމެ ފަހުން ނޭޕާލަށް މިފަދަ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ބިން ހެލުމުގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ނޭޕާލަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1934 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުއެވެ. އެ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 8.3 މެގްނަޓިއުޑްގައެވެ.