އުރީދޫ ދިވެހި ޕްރިމިއަ ލީގްގެ އެއްވެސް ކްލަބަކުން ކްލަބް އީގަލްސް 'އަންޑަރ އެސްޓިމޭޓް' ނުކުރުމަށް އެ ޓީމުގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ގޮވާލައިފިއެވެ.

ޕްރިމިއަ ލީގުގައި މި ދިޔަ ބުރާސްފަތި ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ކުރި މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ، އެމެޗްގައި އީގަލްސްއިން ދިނީ މެސެޖެއް ކަމަށާއި އެއީ އީގަލްސް އަންޑަ އެސްޓިމޭޓް ނުކުރުމަށް ދިން މެސެޖެއް ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑު ކިޔަމުން މިއަންނަނީ އީގަލްއަކީ މިހާރު ކުޑަ ޓީމެއް ނޫނޭ. އީގަލްސްއަކީ ބޮޑު ޓީމެއް. މިޕްރިމިއާ ލީގްގެ ޓީމްތައް ކިޔަންޏާ އީގަލްސްވެސް ކިޔާނީ ބޮޑު ޓީމެއް ގޮތަށް،" ސާންތީ ބުންޏެވެ.

އީގަލްސްގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދުމަށް މާޒިޔާގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާންތީ ބުނީ، އީގަލްސްއަކީ މިހާރު ބަލި ޓީމެއް ނޫންކަމަށާއި އީގަލްސްއަކީ ބޮޑު ޓީމެއްގެ ގޮތުގައި ގުނާލެވޭނެ ޓީމެއް ކަމަށެވެ. އަދި އޭނާއާއެކު ކުޅުންތެރިވެސް ތިބީ އެކަން ސާބިތުކޮށްދޭ ކަމަށްވެސް ސާންތީ ބުންޏެވެ.

"އަޅުގަނޑު އެދެން މީޑިއާގެ ފަރާތްތަކުން އީގަލްސްގެ ނަން ކިޔާއިރު ބޮޑުކޮށް ކިޔަން،" ސާންތީ ބުންޏެވެ.

އީގަލްސްއިން މިދިޔަ ސީޒަން ނިންމާލި އިރު އެންމެ ގަދަ ތިން ޓީމްގެ ތެރޭގައި އެ ޓީމު ހިމެނެއެވެ.