25 Apr 2015, 12:52
އަންގްސާނާ އިހުރު ރިސޯޓުން "10 ޓު 10" (ޓެންޓުޓެން) ނަމުގައި 24 ގަޑިއިރުގެ ޑައިވް އެއް ފަށައިފިއެވެ.
ހެނދުނު ދިހައަކުން ރޭނގަނޑު ދިހައަކަށް ކުރިޔަށްދާ މި ޑައިވްގައި 150 ޑައިވަރުން ބައިވެރިވެއެވެ.
މި ޑައިވް ފެށުމުގެ ގޮތުން މިއަދު ހެނދުނު އެ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަންގްސާނާ ކޮމްޕެނީގެ ޗެއާމަން ކޭޕީ ހާއޯ ވިދާޅުވީ، މިއިީ މި ޑައިވް ބާއްވާތާ ތިންވަނަ އަހަރުކަމަށާއި ތިމާވެށީގެ މައްސަލަތަކަށް އެ ރިސޯޓުން ވަަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
24 ގަޑިއިރުގެ ޑައިވްގައި ބައިވެރިވާ މީ ޑައިވަރުން -- ސަން ފޮޓޯ: އަލީ ނަސީރު
އަދި ޑައިވް 24 ގަޑިއިރުވަންދެން ފޭސްބުުކު މެދުވެރިކޮށް ވަގުތުން ދައްކަމުންދާނެ ކަަމަށެވެ.
" މި ޑައިވް ކުރާ އެއް މަގުސަދަކީ އިހުރު ރިސޯޓަކީ ރާއްޖޭގައި ޑައިވްކުރަން އެއްމެ ކަމުދާ ރިސޯޓްކަން ދެއްކުން. މި ރިސޯޓް ފަރަށް ޑައިވް ކޮށްފައިވާ ފަރާތްތަކަށް އެނގޭނެ ކިހާ ރީތި ކަން މި ރަށުގެ ކަނޑުއަޑި. އަނެއް މަގުސަދަކީ ވަރަށް ސީރިއަސް މައްސަލައެއް ސަމާލުކަމަށް ގެނައުން. އެއީ ދުނިޔޭގެ އިކޮލަޖީއަށް މުރަކައާއި ފަރުގެ މުހިއްމުކަން އަންގައިދުނުން،" ކަމަށް ކޭޕީ ހާއޯ ވިދާޅުވިއެވެ.
24 ގަޑިއިރުގެ ޑައިވް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަންގްސާނާގެ ޗެއާމަން ކޭޕީ ހާއޯ (ވ) ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/އަލީ ނަސީރު
މުރަކައާއި ފަރަށް ލިބޭ ގެއްލުން ހުއްޓުވުމަށް ދިވެހި ހުރިހާ ރައްޔިތުން ވެސް މަަސައްކަތް ކުރަންޖެހޭނެ ކަަމަށް ކޭޕީ ހާއޯ ވިދާޅުވިއެވެ.
މި ޑައިވް ކުރާ ސަރަހައްދަކީ މީގެ ސޯޅަ އަހަރު ކުރިން މި ރިސޯޓް ފަރުކައިރިއަށް ރަންނަމާރި ބޯޓް ފައްތާލި ސަރަހައްދެވެ.
މި ޑައިވް ސްޕްންސާކޮށްފައިވަނީ މުވާސަލާތީ ކުންފުނި އުރީދޫ އިންނެވެ.
" އަޅުގަނޑުމެން ވަރަށް އުފާކުރަން ތިންވަނަ ފަހަރަށް ވެސް އަންގްސާނާ އިހުރުން މިއިވެންޓް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންނާއި ބައިވެރިވީތީ، އަދި ހަމަ މިއާއިއެކު މިފަދަ އިވެންޓްތަކުގެ ސަބަބުން ޓެކްނޮލޮޖީ މެދުވެރިކޮށް ތިމާވެށި ރައްކާތެރިކުރުމަށް އާންމުން ހޭލުއްތެރިވެގެންދާނެ،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
މި އިވެންޓުގައި ބައިވެރިވުމަށް ފަތުރިވެރިން ވެސް ވަނީ އެ ރިސޯޓަށް ގޮސްފައެވެ.