މޯލްޑިވްސް ޕޮލިސް ސާވިސް އިން އަދާލަތު ޕާޓީއާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އަދާލަތު ޕާޓީއާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވަނީ މާލޭގައި ސިލްސިލާ ގޮތެއްގައި ކުރިޔަށްދާ އެއްވުންތަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފުލުހުން ކުރިޔަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި އެބައްދަލުވުމުގައި އަދާލަތު ޕާޓީން ވަނީ “އަނިޔާވެރިކަމާ ދެކޮޅަށް މިނަމުގައި މާލެއާ އަތޮޅުތަކުގައި މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކަކީ އަދާލަތު ޕާޓީން އިސްނަގައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިގެން މަދަނީ އިއްތިހާދާއި ސިޔާސީ އެހެން ބައެއް ޕާޓީތަކުގެ ވަކިވަކި މެމްބަރުންގެ ފަރުދީ އެހީތެރިކަމާއެކު ހިންގާ ހަރަކާތްތެއްކަމަށް ބުނެފައެވެ.

"މިހެންކަމުން މީގެ ކުރިން ފުލުހުންނާ ބައްދަލުކޮށް މާލޭގައި މިހާރު ކުރިޔަށްދާ އެއްވުންތަކުގައި ބައެއް ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ދައުރެއް ނެތްކަމަށް ބުނިނަމަވެސް އަދާލަތު ޕާޓީން ވަނީ މިހާރު ހިންގާ ސިޔާސީ ހަރަކާތްތަކުގައި އަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީ އާއި ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް މެމްބަރުންނާ އެހެނިހެން ސިޔާސީ ބައެއް ޕާޓީތަކުގެ މެމްބަރުންގެ ބައިވެރިވުން އޮތްކަން ފުލުހުންނަށް ޔަގީންކަން ދީފަ،" އެ ބައްދަލުވުމާ ގުޅޭގޮތުން ފުލުހުން ބުންޏެވެ.

އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން ބުނެފައިވަނީ މިހާރު ކުރިޔަށްދާ ސިޔާސީ ހަރަކާތްތަކަކީ ފުލުހުންނާ ސިފައިންނާ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ނޫންކަމަށާއި ފުލުހުންނާ ސިފައިންނަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މާލޭގައި ސިލްސިލާ ގޮތެއްގައި މިހާރު ކުރިޔަށްދާ އެއްވުންތަކުގެ ސަބަބުން އާއްމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

މުޒާހަރާތަކުގެ ސަބަބުން ސްކޫލުތަކުގެ ދަރިވަރުންނަށާއި ވިޔަފާރި ކުރާ ފަރާތްތަކަށާއި ދުވަސްވީ މީހުންނަށްވެސް ބޮޑެތި ދަތިތައް ފޯރައި އެކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް އަސަރު ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ސިލްސިލާ ގޮތެއްގައި މާލޭގައި މިހާރު ބާއްވާ އެއްވުންތަކަކީ އާއްމު މަޞްލަހަތަށް އެކަމުގެ ނުރަނގަޅު އަސަރުކޮށް ގާނޫނުގައި ދީފައިވާ ރައްކާތެރިކަމަށް ހުރަސްތައް ކުރިމަތިވާ އެއްވުންތަކެއް ކަމަށްވެސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.