25 Apr 2015, 11:59
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް މެޗްގައި ބަޔާން މިޔުނިކާ ދެކޮޅަށް ބާސެލޯނާއިން 110 އިންސައްތަ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލިއޮނަލް މެސީ ބުނެފިއެވެ.
މެސީ ބުނީ ބާސެލޯނާއަށް އޮތީ ވަރަށް ބުރަ ސެމީފަނަލެއްކަމަށާއި ބަސާއާ ދެކޮޅަށް ނިކުންނަ ބަޔާންއަކީ ވެސް އުނދަގޫ ޓީމެއްކަމަށެވެ.
"އަހަރެމެންގެ ހުރިހާ ކުޅުންތެރިންވެސް 110 އިންސައްތަ ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ. ބަޔާން މެޗަކީ ވަރަށް ބުރަ އުނދުގޫ މެޗެއް،" މެސީ ބުންޏެވެ.
މިއީ މެސީ އޭނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާއާ ދެކޮޅަށް ނިކުންނަ ފުރަތަމަ މެޗެވެ.
މެސީއާ ބެހޭގޮތުން ގާޑިއޯލާ ބުނީ މެސީގެ ކުޅުން ފެންނައިރު އޭނާ ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް މިފަހަރު މިއީ އޭނާއާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ފަހަރުކަމަށް ވުމުން މެސީ ހުއްޓުވުމަށްޓަކައި ބަޔާންގެ ޑިފެންސްލައިން ރާވާނެ ކަމަށެވެ.

ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ: މިއީ އޭނާ ކުރީގެ ކުޅުންތެރިޔާ މެސީއާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ/އޭޕީ
"މިފަހަރު މީ މެސީއާ ދެކޮޅަށް އަހަރެން ނިކުންނާނެ ފަހަރު. އޭނާ ހުއްޓުވުމަށްޓަކައި ސިސްޓަމެޓިކްކޮށް ބަޔާންގެ ޑިފެންސް އެކުލަވައިލާނަން. މެސީ ކޮންޓްރޯލް ކުރުމަށްޓަކައި އަހަރެމެން އެންމެ ބުރަކޮށް މަސައްކަތް ކުރާނަން،" ގާޑިއޯލާ ބުންޏެވެ.
މެސީގެ ބާސެލޯނާއިން އޭނާގެ ކުރީގެ ކޯޗް ގާޑިއޯލާގެ ބަޔާން މިޔުނިކާ ދެކޮޅަށް ނިކުންނާނީ އަމިއްލަ ދަނޑު ކޭމްޕް ނޯ ގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ދެ ވަނަ މެޗު އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނާނީ ބަޔާންގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައެވެ.