24 Feb 2011, 09:24
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފޯރި ގަދަކޮށް ގައުމީ ޓީމަށް ސާބަސް ދިނުމަށް، ސްރީލަންކާއިން ތައްޔާރުކޮށްފައިވާ ލަވަ، އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އެދިވަޑައިގަތުމުން، ދެއްކުން ހުއްޓާލައިފި އެވެ.
ލަންކާގެ އަމިއްލަ ޓީވީ ސްޓޭޝަނަކާ ހަވާލާދީފައިވާ މީޑިޔާ ރިޕޯޓްތައް ބުނަނީ އެ ލަވަ ނުދެއްކުމަށް ރާޖަޕަކްސާ އެދިވަޑައިގަތީ މުބާރާތުގައި ވާދަ ކުރާ އެހެން ގައުމުތަކަށް ކުޑައިމީސްކޮށް މުހާތަބުކޮށްފައި ހުރުމުން ކަމަށެވެ.
ޕޮޕް ލަވަކިއުންތެރިޔާ ލާހިރު ޕެރޭރާ ކިޔާފައިވާ މި ލަވައިގައި ރާގު ވަރަށް ރީއްޗެވެ. ނަމަވަސް ލަވައާ މެދު ގައުމުގެ ރައީސް ހިތްޕުޅު ހަމަޖެހިވަޑައިނުގަތީ އޮސްޓްރޭލިޔާ އާއި އިންގްލޭންޑް އަދި އިންޑިޔާފަދަ ގައުމުތަކަށް އިހްތިރާމު ކުޑަވާގޮތަށް ލަވައިގެ ބަހުރުވަ އޮތުމުންނެވެ. ޖުމުލަކޮށް ސިންގަޅަ ބަސްތައް ހުރި މިލަވާގައި ވަރަށް މަދުން ތަމަޅަ ބަސްތައް ވެސް ބޭނުންކޮށްފައިވާއިރު ލަވައިގެ ބައެއް އިބާރާތްތަކުގެ ސަބަބުން ދީނީ އަރައިރުމެއް އުފެދިދާނެ ކަމަށް ވެސް ބައެއް މީޑިޔާތަކުން ބުނެފައިވެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ލަންކާގެ ކެޕްޓަން ކުމާރު ސަގައްކަރަ އާއި ކްރިކެޓް ބޯޑުގެ އިސްއޮފިޝަލުންގެ ހާޒިރުގައި ރިލީޒްކުރި މި ލަވަ މިހާރު އިސްލާހުކޮށްފައިވާ ކަމަށްވެ އެވެ.
އިންޑިޔާ އާއި ލަންކާ އަދި ބަނގްލަދޭޝްގައި ކްރިކެޓް ވޯލްޑް ކަޕް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.