ލ. ގަމުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްލިބި އައިސީޔޫގައި ފަރުވާ ދެމުންދިޔަ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަބްދުލް ހަންނާން "ސަން"އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގައި ބޮލަށް ސީރިއަސްއަނިޔާ ތަކެއް ލިބުނު އުމުރުން 19 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ރޭ ފަތިހުގެ ފްލައިޓުން ކަމަށެވެ.

ހަންނާން ވިދާޅުވީ މާލެ ފޮނުވަލި ޒުވާނާ އަދިވެސް ހޭނާރާ ކަމަށާއި އެޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި ދެވަނަ ޒުވާނާވެސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ފޮނުވާލެވޭނެ ކަމަށެވެ. އެއީ ވެސް އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށާއި އެހެންނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ގަމުގެ ބޮޑުމަގުން، މުކުރިމަގު އަވަށާއި މަތިމަރަދޫ އަވަށް ސަރަހައްދުގަ އެވެ.