ޖެނީވާ (އެޕްރީލް 25) : މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ އުފާވެރި ދިރިއުޅުމެއް އުޅެވޭ ގައުމަކީ ސްވިޓްޒަލެންޑްކަން ކަމާ ބެހޭ ސާވޭއަކުން ހާމަވެއްޖެ އެވެ.

އދ.ގެ ސަސްޓެއިނެބްލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް އިން ކުރި މި ސާވޭ ގެ ނަތީޖާ ދައްކާގޮތުން އެންމެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ މާޙައުލު ތަނަވަސްވެފައިވާ ގައުމަކީ ސްވިޓްޒަލެންޑެވެ. އދ. ން ކަނޑައަޅާ ވޯލްޑް ހެޕިނަސް އިންޑެކްސް އަށް ގައުމުތައް ލިސްޓް ކުރަނީ މިސާވޭގެ ނަތީޖާ އަށް ބަލައިގެންނެވެ. މިސާވޭގެ ނަތީޖާގައި މިއީ ތިން ވަނަ ފަހަރަށް ސްވިސްޓްޒަރލޭންޑް އެއްވަނަ އަށް އައި ފަހަރެވެ. ވޯލްޑް ހެޕިނަސް އިންޑެކްސްގެ އެއްވަނައަށް ސުވިޓްޒަލެންޑް އެރިތާ މިވީ ތިން ވަނަ އަހަރެވެ. މިއިންޑެކްސް ދެނެގަތުމުގެ ސާވޭ އަށް އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ މިންވަރު (ޖީޑީޕީ ޕާކެޕިޓާ) އާއި ސިއްޙަތާއި މީހުންގެ އެވްރެޖް އުމުރާއި ކޮރަޕްޝަނާއި އިޖުތިމާއީ މިނިވަންކަން ލިބިފައިވާ މިންވަރު ވެސް ހިމެނެ އެވެ.

މިފަހަރުގެ ސާވޭގައި ސުވިޓްޒަލެންޑް ފަހަތުން ހެޕިނަސް އިންޑެކްސްގެ ދެވަނައަށް އައީ އައިސް ލެންޑެވެ. ތިންވަނައަށް ޑެންމާކެވެ. ހަތަރުވަނައަށް ނޯވޭ އެވެ. ފަސްވަނައަށް ކެނެޑާ އެވެ. މިސާވޭ ކޮށްފައި ވަނީ އދ. އިން ހޮވާލާފައިވާ ބައެއް ގައުމުތަކުގަ އެވެ. މިސާވޭކުރި ދެކުނު އޭޝިއާގެ ގައުމުތަކަށްބަލާއިރު އެންމެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރްސަތު އޮތީ ބޫޓާންގައެވެ. ނަމަވެސް އެއީ މުޅި ދުނިޔެއަށް ބަލާއިރު ހެޕިނަސް އިންޑެކްސްގެ ހަތް ދިހަ ނުވަނަ ވަނާގައިވާ ގައުމެކެވެ.

ދެކުނު އޭޝިއާގައި ދެވަނައަށް އުޅޭ ޕާކިސްތާނަކީ ހެޕިނަސް އިންޑެކްސް ގައި އަށްޑިހަ އެއްވަނާގައި އުޅޭ ގައުމެކެވެ. ތިންވަނައަށް އުޅޭ ބަންގްލަދޭޝް އަކީ ވޯލްޑް ހެޕިނަސް އިންޑެކްސްގައި ސަތޭކަ އަށްވަނާގައި އުޅޭ ގައުމެކެވެ. (ބީބީސީ)