އިސްރާއީލާ ފަލަސްޠީނުގެ މައްސަލައަކީ އަބަދުވެސް ދުނިޔޭގެ މީޑިއާތައް އެމައްސަލައަކަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ މައްސަލައެކެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް މި ދެގައުމުގެ މަސްރަހުގައި މިވަނީ 'ކުރިމަތިލުން' ތަކެއް ފެންމަތިވެފައެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް އަރައި ހިންގި ބައެއް ޖަރީމާތަކާ ގުޅިގެން ފަލަސްޠީނުގެ އެތެރެއިންވެސް ވަނީ އިސްރާއީލުގެ ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް ފޮނުވާލާފައެވެ.

އިއްޔެވެސް އިސްރާއީލުންވަނީ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައި ހަތް މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ. މީގެ އިތުރުން އިއްޔެ ހަވީރުވެސް ޚާން ޔޫނުސް އަވަށަށް ވަދެގަނެ ފަލަސްޠީނު މީހަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ފަލަސްޠީންގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތަތަކުން ޖަވާބުގައި ހަމަލާދީފައެއް ނުވެއެވެ.

އިސްރާއީލްގެ ހަމަލާތައް ކައިރިކައިރީގައި ޣައްޒާއާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ތަކުރާރުކޮށް އަމާޒު ކުރަމުންދާއިރު އިސްރާއީލުން ހަނގުރާމައަށް މަގުފަހިކުރަމުންދާކަމުގެ ބައެއް އަލާމަތްތައް ވަނީފެނިފައެވެ. އަދި އެފަދަ ދަނޑިވަޅެއް ތަނަވަސް ކުރުމަށް އެޤައުމުން މަސައްކަތް ކުރާކަމުގެ ހެކިވަނީ ފެނިފައެވެ. އޭގެތެރޭގައި ސީދާ ހަމަލާ އަމާޒުކޮށްގެންނާއި ސިޔާސީ ގޮތުން ޖެއްސުމުގެ އަމަލުތައް ހިންގައިގެންނެވެ.

އިސްރާއީލުން މިދިޔަ އަހަރު ކުރި ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ގެއަކަށް ހަމަލާދީފައި --- ފޮޓޯ/ އޭއެފްޕީ

އެގޮތުން މިއަދުން ފެށިގެން މިމަހު 29 ވަނަ ދުވަހާ ހަމައަށް ފަލަސްޠީނަށް ވަޑައިގަންނަވާން ހަމަޖެހިފައިވާ ދެކުނު އެފްރިކާގެ މަތީ ތައުލީމާ ބެހޭ ވަޒީރު ބްލޭޑް ނިމާންޑޭ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް ވިސާ ދޭން އިސްރާއިލުންވަނީ ދެކޮޅު ހަދާފައެވެ. ނިމާންޑޭއަކީ އިސްރާއީލަށް އަބަދުވެސް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ދެކުނު އެފްރިކާގެ މަތީ ތައުލީމާ ބެހޭ ވަޒީރު ބްލޭޑް ނިމާންޑޭ. އޭނާއަކީ އަބަދުވެސް އިސްރާއީލަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއް --

"މީ ހަމައެކަނި އޭނާ (ނިމާންޑޭ) އާ ދެކޮޅަށް އެކަނިކުރިކަމެއް ނޫން. އެޔާއެކު ދެކުނު އެފްރިކާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވީތީ އެޅި ފިޔަވަޅެއް. މިއީ އިސްރާއީލުން ދެކުނު އެފްރިކާގެ ސަރުކާރާ ދެކޮޅަށް އެޅި ފިޔަވަޅަށް އިތުރުކުރި ބޮޅެއް،" ދެކުނު އެފްރިކާގެ ސަރުކާރުގެ ޑިޕްލޮމެޓެއް ކަމުގައިވާ ކައި އެންކްވޭނިއާނާ ވިދާޅުވިއެވެ.

އިސްރާއީލުގެ މިފަދަ އަމަލަކުން ދޭހަވަނީ އެޤައުމުން ހަނގުރާމައަށް މަގު ތަނަވަސްކުރަން ބޭނުންވާކަމެވެ. އިސްރާއީލުން ހަނގުރާމައެއް ފަށައިފާނެކަމުގެ ދަނޑިވަޅުތައް ކައިރިވެފައިވާކަމަށް ބައެއް މިޑިއާތަކުން ބުނެއެވެ.

އިސްރާއީލްގެ ސިފައިންގެ ތެރެއިން ބަޔަކު ފަލަސްޠީނުގެ ކުޑަކުއްޖަކު ގަދަކަމުން ގެންދަނީ ---

ހަނގުރާމައެއް ފަށާފާނެކަމުގެ ބައެއް ދަނޑިވަޅުތައް މިހާރުވެސް ދަނީ ފެންމަތިކުރުވަމުންނެވެ. އަދި އެފަދަ ބައެއް ދަނޑިވަޅުތައް ކުރިމަތީގައި ފެންނާންވެސް އެބައޮތްމެއެވެ.

އެގޮތުން ޢަރަބި ބައެއް ޤައުމުތަކާ ގަލްފް ޤައުމުތަކުން ސައުދީ އަރަބިއްޔާއާއެކު ޔަމަންގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ހުސްވެފައި ތިބުމަކީ ފަލަސްޠީން މައްސަލައަށް ގަލްފާއި ޢަރަބި ޤައުމުތަކުން އެހާ ސަމާލުކަން ދޭނެ ސަބަބެއް ކަމުގައި ނުވާނެކަން އިސްރާއީލަށް އެނގެއެވެ. މީވެސް ހަނގުރާމައަކަށް ތައްޔާރުވާއިރު އިސްރާއީލްގެ ވިސްނުން ހުރި އެއް އޭންގަލް ކަމަށް މަސްރަހު ދިރާސާ ކުރައްވާ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގެ ތެރެއިން ޣައްޒާގެ ނިކަމެތި ރައްޔިތުން --

އަނެއްކަމަކީ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އިންތިޚާބުގެ އެއްވެސް ޕްރެޝަރެއް ނެތުމެވެ. މިދިޔަ އަހަރު ކުރި 50 ދުވަހުގެ ހަނގުރާމަ ކުރިއިރު ނަތަންޔާހޫއަށް ކުރިމަތިވި އެއް ގޮންޖެހުމަކީ އިސްރާއީލްގެ ސިޔާސީ ފަރާތްތަކުން ހަނގުރާމައިގެ އެތެރޭގައި ކުރިމަތި ކުރި ޕްރެޝަރެވެ. ނަމަވެސް އަނެއްކާވެސް އިސްރާއީލްގެ ސިޔާސީ މަސްރަހު ފިނިވެފައި އޮތުމުން ހަނގުރާމައަކަށް ނިކުތްކަމުގައިވިޔަސް ނަތަންޔާހުގެ ސަރުކާރަށް އިސްރާއީލްގެ އެތެރެއިން ކުރިމަތިވާނެ އިތުރު ޕްރެޝަރެއް ނެތުމެވެ.

އަދި ބައިނަލްއަޤުވާމީ ދުނިޔޭގެ ލޯތައް އައިއެސްއައިއެސްއަށާއި ޔަމަންގެ ހޫޘީންނާ ދެކޮޅަށް ޢަރަބި ބާރުތަކުން ކުރަމުންގެންދާ ހަނގުރާމައަށް އަމާޒުވެފައިވުމެވެ. މިދިޔަ އަހަރު ކުރި ހަނގުރާމައިގައިވެސް ހުޅަނގާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން އިސްރާއީލަށް ކުރިމަތިވި ޕްރެޝަރު ކުޑައެއް ނޫނެވެ. އޭރު ބައިނަލްއަގުވާމީ މަސްރަހުގައި އިސްރާއީލް-ފަލަސްޠީނުގެ މައްސަލައަށްވުރެ ބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް މިހާރު ހޫޘީންނާއި ދާއިޝްގެ މައްސަލަ، ބިޔަ މައްސަލައެއްގެ ގޮތުގައި އެބައޮތެވެ. އެހެންކަމުން މިވަގުތު އިސްރާއީލުން ހިންގާފާނެ ޖަރީމާއަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ ލޯތައް އަމާޒުވުމުގެ ފުރުސަތު ހަނިވުން ވެސް މިއީ އިސްރާއީލް އޭނެ ފައިދާ ނައިގަފާނެ ދަނޑިވަޅުތަކެވެ.

ދެން އޮތީ ޔަމަންގެ ހޫޘީންނާ ދެކޮޅަށް ސައުދީއާ ގުޅިފައިވާ ޢަރަބި އިއްތިހާދުން ހަނގުރާމަ ކުރަމުންދާއިރު ސުންނީންނާއި ޝިއައީންގެ ގުޅުންތައްވަނީ ގޯސްވެފައެވެ. މިއީ އިސްރާއީލާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަ ކުރާ އެއް ޖަމާޢަތް ކަމުގައިވާ ހަމާސްއަށް ކުރިމަތިވާނެ މައްސަލައެކެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ހަމާސްގެ އިސްލީޑަރެއް ކަމުގައިވާ އިސްމާޢީލް ހަނިއްޔާއާ ބައްދަލުކުރައްވަނީ: ހަމާސްއާ އީރާންގެ ގުޅުމަށް އަސަރުތަކެއް ވަނީ ކޮށްފައި --- ފޮޓޯ/އޭއެފްޕީ

އީރާނަކީ ހަމާސްގެ އެންމެ ގާތް ފަންނީ އެހީތެރިޔާއެވެ. ހަމާސްއަށް ބޭނުންވާ ހަތިޔާރު އުފެއްދުމަށާއި އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެންމެ ބޮޑަށް އެހީތެރިވާ އީރާނަކީ ޝިއައީންގެ އަޣުލަބިއްޔަތު އޮންނަ ޤައުމެކެވެ. އެހެންކަމުން ހަމާސްއަށް އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރުމުގައި ކުރިން ލިބެމުންއައި މިފަދަ ބޮޑެތި ފަންނީ އެހީތައް ހަނިވުމުގެ ފުރުޞަތު އޮތުންވެސް މިއީ ހަނގުރާމައަކަށް އިސްރާއީލް ބަލާނެ ދަނޑިވަޅެކެވެ.

ދެންއޮތީ އެމެރިކާގެ އިންތިޚާބުގެ ވާހަކަތައް ފޯރިގަދަ ވުމެވެ. އެމެރިކާގެ ރައީސްކަމަށް އާ މޫނެއް އަންނަ ކޮންމެ ފަހަރަކު އިސްރާއީލުން ވަރުގަދަ ހަނގުރާމައެއް ފަލަސްޠީންގެ ރައްޔިތުންނާ ދެކޮޅަށް ކުރެއެވެ. ބޭނުމަކީ އެމެރިކާގެ ރައީސަށް ކޮންމެ މީހަކު އަޔަސް އިސްރާއީލުން އެވެސް ވަރަކަށް ދޫދިނުމުގެ ސިޔާސަތެއް ނުގެންގުޅޭނެކަން ހާމަކުރުމެވެ.

ދެންއޮތީ ބައިނަލްއަޤުވާމީ ދުނިޔެއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަހަތުފަޔަށް ބުރަވެފައި އޮތުމެވެ. މިދިޔަ އަހަރު ކުރި ހަނގުރާމައިގައި ބައިނަލްއަޤުވާމީ އެތައް ގަރާރަކާ އިސްރާއީލުން ޚިލާފް ވެފައިވާއިރުވެސް އަދިވެސް އެމައްސަލަތަކުގެ ތަހްޤީގެއް ނުފެށިއޮތުމެވެ. އެހެންކަމުން އިސްރާއީލު ކޮންމެ ކަމެއް ކުރިޔަސް އިސްރާއީލާ މެދު ފިޔަވަޅެއް އެޅޭނެ އެއްވެސް ބާރެއް ނެތްކަން އިސްރާއީލަށް ޔަޤީންވުމަކީވެސް ހަނގުރާމަ އަކަށްދާން އިސްރާއީލް ޖެހިލުން ނުވާނެ ސަބަބެކެވެ.