25 Apr 2015, 00:37
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ނުކުރާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ "މޭޑޭ" ގައި އަނިޔާވެރިކަން ހުއްޓުވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ބ. ތުޅާދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވެރިކަން ނުވެއްޓޭނެކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން އަންނައިރު، ވެރިކަން ވައްޓާލަން އިދިކޮޅު ކޯލިޝަނުން ނޫޅޭ ކަމަށެވެ.
"އިރުއިރުކޮޅާ ވެރިކަން ނުވެއްޓޭނޭ. ވެރިކަން ނުވެއްޓޭނޭ. ތިހެން ތި ވިދާޅުވަނީ އަޅުގަނޑުމެން އެބައުޅެންތޯ ވެރިކަން ވައްޓާކަށް. ވެރިކަން ވައްޓާކަށް ނޫން މިއުޅެނީ. އެހެންނަމަވެސް އަނިޔާވެރިކަން ހުއްޓުވާނަން. އަނިޔާވެރިކަން ވައްޓާލާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ސަރުކާރު ސައިޒަށް ތިރިކުރާނެ" ކަމަށާއި މޭޑޭގައި ސަރުކާރު ޖެހޭނީ ގެއަށް ވަންނަން ކަމަށެވެ.
ރައީސް ޔާމީން ގާނޫނު އަސާސީގެ ތެރެއަށް ވަދެވަޑައިނުގަންނަވަންޏާ އެމަނިކުފާނު "ސުލްހަކުރުމަށް" އަލީ ވަހީދު ވަނީ ޕީޕީއެމްއަށް ގޮވާލައްވާފައެވެ.
މިރޭ އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފްތާގައި ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ އަންނަ ހުކުރު ދުވަހު ރައީސް މުހައްމަދު ނަޝީދު ކ. ހިންމަފުށީ އައްސޭރި ޖަލުން ގ. ކެނެރީގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޅ. ނައިފަރުގެ ފުޓުސަލް ދަނޑު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ތާރީޚަކަށްފަހު ތާރީޚެއްދާނެ ކަމަށާއި މޭޑޭގައި ވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ތިއްބައި މިސަރުކާރު ދާނީ ފުޓްސަލް ދަނޑު އެޅުމާއި ބަނދަރު ހެދުމާއި އެއާޕޯޓް ހެދުމުގެ މަސައްކަތާއިގެން ކަމަށެވެ.