މިހިނގާ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ލީބިޔާ އިން ފުރައިގެން އިޓަލީއަށް ދަތުރުކުރި ބޯޓެއް ލީބިޔާގެ ކައިރިއަށް ބަންޑުން ޖަހާލައި 700 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެބޯޓުން ދަތުރުކުރި މީހުންނަކީ އިޓަލީވިލާތަށް ހިޖުރަ ކުރަން މަސައްކަތް ކުރި މީހުންނެވެ.

ބޯޓުން ދަތުކުރި މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ 28 މީހުންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި 900 ވަރަކަށް މީހުން އެމީހުންނާ އެކު ދަތުރުކުރި އެވެ. އަނެއްބައި މީހުން ބުނެފައި ވަނީ 800 ކަމަށެވެ. އެކި މީހުން ލަފާ ކުރާ އަދަދުތައް ތަފާތުވިޔަސް އެންމެން އިއްތިފާގު ވެފައި ވަނީ އެ އަދަދު 700 އަށް ވުރެ މަދު ނުވާނެ ކަމަށެވެ. އެމީހުންގެ ތެރޭގައި އެފްރިކާގެ އެކި ގައުމުތަކުގެ މީހުންނާއި ބަންގްލަދޭޝް މީހުން ހިމެނެ އެވެ.

ހާދިސާ ހިނގުމުން ހިޖުރަކުރާ މީހުންނާ މެދު ޔޫރަޕްގައި ބޮޑު ބަހުސެއް ފެށުނެވެ. އަދި އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަން އިޓަލީ ވިލާތުން ވަނީ މަސައްކަތް ފަށާފަ އެވެ. ބަންޑުން ޖަހައިލި ބޯޓުގެ ކެޕްޓަންކަމަށް ބެލެވޭ ޓިއުނީޝިއާ މީހަކާއި ފަޅުވެރިއެއް ކަމަށް ބެލެވޭ މީހަކު އިޓަލީ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިޓަލީ ފުލުހުންގެ އެދައުވާއަށް ޓިއުނީޝިއާ މީހާ އިންކާރުކޮށްފައިވާ ކަމަށް ރޮއިޓާސް އިން އިއްޔެ ބުންޏެވެ.

ކޯޓުގައި އޭނާގެ ވަކީލު ބުނެފައި ވަނީ އޭނާއަކީ ދަތުރުވެރިއެއް ކަމަށާއި ކެޕްޓަން ނޫން ކަމަށެވެ.

މައްސަލަ ބަލަމުން އަންނަ އިޓަލީގެ ދައުލަތުގެ ވަކީލުން ވަނީ މިހާރު ސަލާމަތްވީ ބައެއް މީހުންގެ ހެކި ބަސް ހޯދާފައެވެ. ހާދިސާއާ ބެހޭ ގޮތުން ހެކިބަސްދިން މީހުންގެ ވާހަކަ ތަކުން ހައިރާން ކުރުވަނިވި ގިނަ ކަންތައްތަކެއް ވަނީ އެނގިފަ އެވެ.

ހެކިބަސްދިން ބައެއް މީހުން ބުނެފައިވާ ގޮތުގައި ބޯޓް ބަންޑުންޖަހައިލުމުގެ ހާދިސާއާ ކުރިމަތި ލުމުގެ ކުރިން އެމީހުން ވަނީ ލީބިޔާގައި ގިނަ އަނިޔާތަކެއް ތަހައްމަލުކޮށްފަ އެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން ލީބިޔާގެ ވެރިރަށް ތަރާބުލުސްއާ ކައިރި ސަރަހައްދެއްގައިވާ ފާމް ހައުސްއެއްގައި ބަންދުވެފައި އެއް މަސް ދުވަހު ތިބި ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

ބަންދުގައި އެމީހުން ތިބި ތަން ބަލަހައްޓަމުން ދިޔައީ ޔުނިފޯމްގައި ތިބި ހަތިޔާރު އެޅި ބައެއް ކަމަށާއި އެއީ ފުލުހުން ކަމަށް އެމީހުން ބުނި ކަމަށް ވެސް ހެކިން ވަނީ ބުނެފައެވެ.

ދަތުރަށް ޓަކައި އެމީހުންގެ ތެރެއިން ކޮންމެ މީހަކު ވަނީ ދަތުރު އިންތިޒާމް ކުރި މީހުންނަށް ކުރިން ފައިސާ ދައްކާފަ އެވެ. އެގޮތުން 840 ޑޮލަރާއި 1200 ޑޮލަރާއި ދެމެދުގެ އަދަދެއް ކޮންމެ މީހަކު ވަނީ އެމީހުންނަށް ދީފަ އެވެ. ދަތުރުގައި ދިއުމަށް ހަމަ ޖެހިފައި އޮތީ 1200 މީހުންނެވެ.

ފާމްހައުސްގައި މަސް ދުވަސް ހޭދަކުރި ފަހުން އައްސޭރި ފަށުގެ ސަރަހައްދަށް އެމީހުން ގެންދިޔައީ ޓްރަކްތަކެއްގަ އެވެ. އަދި އެއަށް ފަހު ކުދި ޑިންގީ ތަކުގައި ގެންގޮސް އެމީހުން އެރުވީ މަސްބޯޓަކަށެވެ. ދިގުމިނުގައި 20 މީޓަރު ހުރި އެބޯޓަށް އެންމެނަށް ނޭރޭނެ ކަމަށް ބުނެ އެއްބަޔަކު އެކަމާއި ދެކޮޅު ހެދި އެވެ. ނަމަވެސް މަޖުބޫރުކޮށް، ބިރު ދައްކައިގެން ގާތްގަނޑަކަށް 900 މީހުން މަސްބޯޓަށް އެރުވި އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ތިބީ ބޯޓުގެ ވަތުތެރޭގައި ބަންދުކޮށްފަ އެވެ.

ހާދިސާއިން ސަލާމަތްވި، ސޯމާލިޔާގެ ކުޑަ ކުއްޖަކު "ސޭވް ދަ ޗިލްޑްރަން" ނަމަކަށް ކިޔާ ޖަމާއަތަކަށް ކިޔައިދީފައިވާ ގޮތުގައި ބޯޓަށް މީހުން އެރުވުމުގައި އުޅުނު މީހުންގެ ހުއްދައަކާ ނުލައި ޑިންގީއަށް އެރި މީހަކަށް އެމީހުން އަނިޔާކޮށް މަރައިލި އެވެ. އަދި އެމީހުންނާ ދެކޮޅު ހެދި އެހެން މީހުންނަށް ބިރު ދެއްކި ކަމަށް ވެސް އެކުއްޖާ ވަނީ ބުނެފަ އެވެ.

ބޯޓް ބަންޑުން ޖަހައިލަން މެދުވެރިވީ ޕޯޗްގަލްގެ އާގުބޯޓެއްގައި ޖެހިގެން ކަމަށް ހެކި ބަސްދިން ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނެފައި ވަނީ ޕޯޗްގަލްގެ ބޯޓްގައި ކެޕްޓަން ގަސްދުގައި ޖެއްސީ ކަމަށެވެ. އެގޮތުން ތިން ފަހަރު ޖެއްސި ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.

ހާދިސާގައި މަރުވި 24 މީހެއްގެ ހަށިތައް މޯލްޓާގެ ކޯސްޓްގާޑް އުޅަނދަކަށް ނަގައިގެން އެގައުމަށް ގެންދިޔަ އެވެ. ކޮން ގައުމެއްގެ ކޮން ބައެއްކަން ނޭނގޭ އެމީހުންގެ ޖަނާޒާ މޯލްޓާ ސަރުކާރުން އިއްޔެ ވަނީ ބާއްވާފަ އެވެ. އެ ހާދިސާގައި މަރުވި މީހުންނާ އެކު މި އަހަރު ހިނގި އެފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1800 އަށް ވުރެ މަތިވެފަ އެވެ.