ގަލޮޅު ގެއެއްގެ ތެރޭގައި ދެ ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމަށް ބުނެ ފުލުހުން ދައްކާފައިވާ ވާހަކަތައް އަމިއްލަ ކުންފުންޏަކުން ދޮގުކޮށްފި އެވެ.

"ބްރެކްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އޮފީހުގައި ދެ ބިދޭސީއަކު ރަނީނުކޮށް، އަނިޔާކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ބުނާ ވާހަކައަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ކުންފުނީގެ އޮފީހަށް ބިދޭސީއަކު ހާޒިރުވެފައިވާ ކަމަށާއި އެއީ އެ ކުންފުނީގެ ސްޕޮންސާގެ ދަށުން އެ ކުންފުނީގައި މަސައްކަތް ކުރުމަށް ގެނެސްފައިވާ ބިދޭސީއެއް ކަމަށެވެ. އަދި އޭނާ އެ އޮފީހަށް ހާޒިރުވީ ކޯޓާގެ މުއްދަތު ހަމަވާތީވެ އަނބުރާ ގައުމަށް ދިޔުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި މީހާ ފޮނުވާލުމަށްޓަކައި އެ ރޭ ޓިކެޓު ނުލިބުމުގެ ސަބަބުން، އޭނާ އޮފީހުގައި މަޑުކުރި އެވެ. ނަމަވެސް ޖެހިގެން އަންނަ ބުދަ ދުވަހުގެ ރޭ މި މީހާ ފޮނުވާލުމުގެ އެންމެހައި ކަންތައް ވަނީ ހަމަޖައްސާފައެވެ،" އެ ބަޔާނުގައިވެ އެވެ.

އެ މީހާގެ އިތުރުން އެ ކުންފުނީގައި މަސައްކަތް ކުރާ އިތުރު ބިދޭސީއަކު ފިލައިގެން އުޅޭތީ އެ މީހާ ރާއްޖެ ގެނައުމަށް ހަރަކާތްތެރިވި ބަނގުލަދޭޝްގެ މީހަކު ވެސް އެ ރޭ އެ ކުންފުނީގެ އޮފީހަށް ހާޒިރުވި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ފިލައިގެން އުޅޭ މީހާ ހޯދައި ދިނުމަށްޓަކައި އެ ބިދޭސީ ކުންފުނީގެ އޮފީހަށް ހާޒިރުވެ މަޑުކޮށްފައި ވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެކަމުގެ ތަފްސީލު މީޑިއާތަކަށް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކުންފުންޏާއި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި އަދި އެނޫން ވެސް ފަރާތެއްގެ ވަނަވަރު އެގޭގޮތަށް އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކޮށްފައި ނުވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.