ލ. ގަމުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަބްދުލް ހަންނާން "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ދެ ޒުވާނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުންދާ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި އަނެއް ޒުވާނާގެ ހާލު ސީރިއަސް ނޫން ކަމަށް ހަންނާން ވިދާޅުވި އެވެ.

"ބޮލަށް ބޮޑަށް އަނިޔާވެފައި ވަނީ. މޫނު މަތިން ވެސް ޒަހަމްތަކެއް އެބަ ހުރި. އޭނާގެ ހާލު އަދި ސީރިއަސް ކަމަށް އަޅުގަނޑުމެންނަށް މި ބެލެވެނީ،" ހަންނާން ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތު ގަމުގެ ބޮޑުމަގުން، މުކުރިމަގު އަވަށާއި މަތިމަރަދޫ އަވަށް ސަރަހައްދުގަ އެވެ. ގަމު ބޮޑުމަގުން އެއްކޮޅަށް ދުއްވާފައި ދިޔަ ޕިކަޕާއި ސައިކަލް އެކްސިޑެންޓުވީ ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.