ތެޔޮ ބާޖަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގައިފި އެވެ.

މީހަކަށް ގެއްލުން ލިބިފައި ނުވާ މި ހާދިސާއާ ބެހޭ ގޮތުން ގައުމީ ދިފާއީ ބާރުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 އެހާކަންހާއިރުގައި ކަމަށާއި އެކްސިޑެންޓް ހިނގީ އއ. ތޮއްޑޫއަށް ދަތުރުކުރަމުންދިޔަ "އެވިލިލާ" ނަމަކަށް ކިޔާ ދޯންޏަކާ ތެޔޮ އަރުވައިގެން ދަތުރުކުރި ތެޔޮ ބާޖެއް ޖެހިގެން ކަމަށެވެ.

މާލެއިން ފުރި ދޯނި އެކްސިޑެންޓްވުމާއެކު ދޯންޏަށް ދިޔަވެ، ދިޔަގަނޑު ކޮންޓްރޯލް ނުވެގެން އަނބުރާލުމަށް ރޭ މެންދަމު ވަނީ މާލޭ ފަޅަށް ވަދެފަ އެވެ. އޭގެ ފަހުން ކޯސްޓްގާޑުން އެދޯންޏަށް ވަނީ އެހީތެރިވެދީފަ އެވެ.

މި އެކްސިޑެންޓްގައި ދޯނީގެ ދިރުބާކޮޅު އެއްކޮށް ހަލާކުވުގެ ސަބަބުން ދިޔަގަނޑު ކޮންޓްރޯލް ކުރީ ކޯސްޓްގާޑުން ސަތަރިޖަހައިގެން ރޭ ފަތިހު އެވެ.

މި ހާދިސާގައި އެވިލާ ދޯނި ހަލާކުވިއިރު އެ ދޯނީގައި ހުރި މުދަލުގައި ލޮނުޖެހި ގެއްލުންތައް ވަނީ ވެފައެވެ.