24 Apr 2015, 19:31
ބ. ތުޅާދޫ އެންމެ ބޮޑު މަގަށް ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް "އަންނި މަގު"ގެ ނަމުން ނަން ދީފި އެވެ.
ތުޅާދޫ ވަށައިގެން އޮންނަ މަގަށް "އަންނި މަގު"ގެ ނަން ދިނީ އެ ރަށު ކައުންސިލުން ނިންމައިފި އެވެ. ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ރަށުގެ އެންމެ ބޮޑު މަގަށް އެ ނަން ދިނުމަށް ނިންމެވީ ތުޅާދޫއަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސް ދެއްވީ ނަޝީދު ކަމަށްވާތީ އެވެ.
"މާލޭގެ މަގުތަކަށް ވެސް އެ ވަނީ ރަސްރަސްކަލުންގެ ނަމުން ނަންދީފައި. އެއީ ގައުމަށް އަގު ހުރި ހިދުމަތްތަކެއްކޮށްދެއްވި ބަތަލުން. އެގޮތުން މިރަށަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދެއްވީ ރައީސް ނަޝީދު. އެހެންކަމުން އެމަނިކުފާނު ދުނިޔޭގައި 'ހުއްޓަސް ނެތަސް' ހިދުމަތުގެ އަގު ވަޒަން ކުރަންޖެހޭ،" ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
"އަންނި މަގު" އިފްތިތާހު ކުރުމަށް ތުޅާދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ
ތުޅާދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި "އަންނި މަގު" އިފްތިތާހު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެވެ. އޭނާއާއެކު އެ ރަސްމިއްޔާތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އާބާދީގައި 2800 މީހުން ހިމެނޭ ތުޅާދޫ ކައުންސިލްގެ ފަސް މެމްބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ.