24 Apr 2015, 18:48
އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވިޔަފާރިއާ ބެހޭ ފަރާތްތަކުން ޖަރުމަނުގެ މައި ބޭންކު ކަަމަށްވާ ޑަޗް ބޭންކު 2.5 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
އެ ޖޫރިމަނާގެ އިތުރުން އެ ބޭންކުގެ ހަތް މުވަޒަފަކު ވަޒީފާއި ކަނޑާލުމަށް ވެސް ވަނީ އަންގާފަ އެވެ. އެ ފިޔަވަޅު އަޅާފައި ވަނީ އެ ބޭންކުން ބޭންކިންގެ ގަވައިދުތަކާއި ޚިލާފުވެގެން ކަމަށް ރޮއިޓާސް ބުނެ އެވެ. އެގޮތުން ލަންޑަން އިންޓާ ބޭންކު އޮފާޑް ރޭޓް (ލައިބާ) އަށް ނުރަނގަޅު ނުފޫޒު ފޯރުވާފައިވާ ކަމަށްވެ އެވެ. ލައިބާ އަކީ އެއް ބޭންކުން އަނެއް ބޭންކަށް ލޯނު ދޫކުރުމުގައި ނަގާ އިންޓްރެސްޓެ ރޭޓެވެ. މި ރޭޓް ހިސާބުކުރަނީ އެކި ބޭންކުތަކުން ލިބޭ މައުލޫމާތަށް ބަލާފަ އެވެ. އެހެން ކަމުން ބޭންކުތަކުން ދޮގު މައުލޫމާތު ދީފިނަމަ މި ރޭޓް ގޯސްވާނެ އެވެ.
އާއްމު އުސޫލަކުން ބޭންކުން ކަސްޓަމަރުންނަށް ލޯނުދެނީ ލައިބާ ރޭޓަށް ވުރެ މަތިންނެވެ. އެހެންކަމުން ލައިބާ ރޭޓް މަތިކުރެވިއްޖެނަމަ ލޯނަށް ބޮޑު އިންޓަރެސްޓް ނަގާ ބޮޑު ފައިދާ ލިބުމުގެ ފުރުސަތު އޮވެއެވެ.
ހަތް އަހަރަށް ދެމިގެންދިއަ ތަހުގީގުގައި ވަނީ އެހެން ބޭންކުތަކެއް ވެސް ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގައި ބާކުލޭސް ބޭންކު އަދި ލޮއިޑްސް ބޭންކާއެކު ޖުމްލަ އެގާރަ ބޭންކު ހިމެނެއެވެ. މި ބޭންކުތަކުން ދައްކަންޖެހޭ ޖޫރިމަނާ ޖޫރިމަނާގެ ޖުމްލަ އަދަދު 8.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި ޖިނާއީ ދައުވާ 21 ފަރާތަކާ ދެކޮޅަށް އުފުލުމަށް ވަނީ ނިންމާފަ އެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ޑަޗް ބޭންކުން ވަަރަށް ބޮޑަށް ފާޑުކިއާފަ އެވެ. އެގޮތުން އެ ބޭންކުން ތަހުގީގު ކުރާ ފަރާތްތަކަށް އެކަށީގެންވާ ގޮތުގައި އެއްބާރުލުން ދީފައި ނުވާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ ތަހުގީގު ތެރޭގައި އޮޅިގެން ކަމަށް ބުނެ 482 ފޯން ކޯލް ޑަޗް ބޭންކުން ނައްތާލާފައިވާ ކަމަށް ރޮއިޓާސް ބުނެއެވެ.
މި ތަހުގީގު ސަބަބުން ބޭންކުތައް ކުރާ އިތުބާރު ވަަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް މާލީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްގައި ވެއެވެ.