އެމެރިކާއިން ޕާކިސްތާނަށް ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ މީހަކާއި އިޓަލީ މީހަކު މަރުވެފައިވާ ކަމަށް އެއްބަސްވެ، އެމެރިކާ ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ހާމަކޮށްފައިވާ ގޮތުގައި އަލްގައިދާއިން ރަހީނުކޮށްފައިވާ އެމެރިކާ މީހެއް ކަމަށްވާ ވޮރެން ވިއިންސްޓެއިން އާއި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖިއޮވާނީ ލޮޕޯރްތޯ މަރުވީ މިދިޔަ ޖެނުއަރީ މަހު ޕާކިސްތާނަށް ދިން ޑްރޯން ހަމަލާއެއްގަ އެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާއި ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި، ޕާކިސްތާނުގައި ހުރި އަލްގައިދާގެ އިމާރާތަކަށް ދިން އެ ހަމަލާގައި އެ ދެ މީހުން މަރުވީ އެމީހުން ތިބިކަން ނޭނގިގެން ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

މަރުވި ދެ މީހުންގެ ތެރެއިން ވިއެންސްޓެއިން އަކީ އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ މަސައްކަތެއް ކުރުމަށް ޕާކިސްތާނަށް ގޮސް ހުއްޓައި އަލްގައިދާއިން ރަހީނު ކޮށްފައިވާ މީހެކެވެ. އުމުރުން 72 އަހަރުގެ ވިއިންސްޓެއިން ރަހީނުވެފައި ހުރި އިރު އޭނާ ސަލާމަތް ކުރުމަށް އެދި އެމެރިކާ ސަރުކާރަށް އަމާޒުކޮށް ވާހަކަ ދައްކާފައިވާ ވީޑިއޯ މެސެޖެއް އަލްގައިދާއިން އާއްމުކޮށްފައިވެ އެވެ.

އަލްގައިދާއާ ގުޅިގެން މަސައްކަތް ކުރި އެމެރިކާ ދެ މީހަކު ވެސް އެހެން ހަމަލާތަކެއްގައި މަރުވި ކަން ވެސް އެމެރިކާއިން ރޭ ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ ދެ މީހުން ވެސް މަރުވީ ސީދާ އެމީހުންނަށް އަމަޒުކޮށް ދިން ހަމަލާއަކުން ނޫން ކަމަށް ވަނީ ބުނެފަ އެވެ. (އޭޕީ)