24 Apr 2015, 15:40
ޕެންޝަނާ ބެހޭ މައުލޫމާތު އެއްކުރުމަށް މާލެ އާއި އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި މައުލޫމާތު އެއްކުުރުމަށް ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުގެ ޑިރެކްޓާ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެ އެވެ.
ފޯކަސް ގްރޫޕް ޑިސްކަޝަނެއް ގޮތަށް ބާއްވާ މި ބައްދަލުވުންތައް ފެށުމުގެ ގޮތުން މާދަމާ ކުޅުދުއްފުށީގައި ބައްދަލުވުމެއް އޮންނާނެ ކަަމަށް ސުޖާއު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ޒުވާނުންނާއި ވަޒީފާގައި މިވަގުތު ހަރަކާތްތެރިވާ މީހުންނާއި ދޮށީ އުމުރުގެ ރައްޔިތުނާއި ބައްދަލުކޮށް މައުލޫމާތު އެއްކުރަން ނިންމާފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"ތަފާތު ވައްތަރުގެ ޕެންޝަންދޭއިރު ޕެންޝަނުގެ މައުލޫމާތު ކިހާވަރަކަށް ލިބިފައި ހުރިތޯ އާއި ޕެންޝަން އޮފީހުގެ މަސައްކަތް މި ވަގުތު ގެންދާ ގޮތުގެ ކޮން ކަހަލަ މައުލޫމާތެއްތޯ ލިބިފައި ހުރީ، އަދި ޕެންޝަން ސްކީމަކީ ކިހިނެއްދާ ސްކީމެއްތޯ. މިކަހަލަ މައުލޫމާތު ސާފުކުރެވިގެންދާނެ،" ކަމަށް ސުޖާއު ވިދާޅުވި އެވެ.
"ވޯލްޑް ބޭންކުގެ ޕެންޝަން ޕްރޮޖެކްޓް މިއަހަރުގެ ޖޫން އާއި ހަމައަށް ނިމުމަކަށް އަންނާތީވެ ދިރާސާ ކުރަން ބޭނުންވޭ ޕެންޝަން ނިޒާމު އޮތީ ކިހާ ހިސާބެއްގަތޯ އާއްމުންނަށް ކިހާ ވަރަކަށް މައުލޫމާތު ލިބިފައި ހުރިތޯ،" ސުޖާއު ވިދާޅުވި އެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި މައުލޫމާތު އެއްކުރާނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑެވެ.
މައުލޫމާތު ހޯދުމަށް ބާއްވާ ބައްދަލުވުންތައް އައްޑޫ ސިޓީގައި ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ފޯނު ސާވޭ އެއް ހަދަމުންދާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"މި ސާވޭގައި 4،000އަށް ވުރެ ގިނަ މީހުންނާއި ސުވާލުކޮށް މައުލޫމާތު އެއްކުރެވޭނެ،" ސުޖާއު ވިދާޅުވި އެވެ. މި ސާވޭ އާއި މައުލޫމާތު ހޯދުމުގެ ބައްދަލުވުންތަކުން ލިބޭ މައުލޫމާތުތައް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް ކުރި މަގުގައި ބޭނުންކުރެވޭނެ މައުލޫމާތުތައް ކަަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.