ބ. ކެންދޫ ބަނދަރުގައި އޮއްވައި ރޭ އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އޮޑިވެރިން ބުނެފިއެވެ.

ރޭ އަނދައި ހުލިވި އެންމެ ބޮޑު ދޯނީގެ އެއް ހިއްސާދާރު ކަމަށްވާ ޢަބުދުލް މުޙުސިން މިއަދު ސަން އަށް ބުނީ ދޯނީގެ އަގަކީ 2.5 މިލިޔަން ރުފިޔާ ކަމަށެވެ. އެއަދަދުގެ ފައިސާ ދޯންޏަށް ޚަރަދު ކޮށްފައި ވަނީ ލޯނެއް ވެސް ނަގައިގެން ކަމަށް އޭނާ ބުންޏެވެ.

"... އަޅުގަނޑުމެންގެ އާއިލީ މަސައްކަތެއް އެއީ ފަސް ބެއިން ހިއްސާވެގެން. ލޯނެއް ނަގައިގެން އުފެއްދި ދޯންޏެއް. ދޯންޏަށް އަދި އަހަރު ދުވަސް ވެސް ނުވޭ. ދެން ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. ފޫނުބެއްދޭ ވަރުގެ ގެއްލުމެއް މިއީ،" ހޯރަ ނަމަކަށް ކިޔާ 75 ފޫޓްގެ ފައިބަ ގްލާސް ދޯނީގެ އެއް ހިއްސާދާރު ޢަބުދުލް މުޙުސިން ބުންޏެވެ.

އޭނާ ބުނީ ދޯނި އޮތީ އިންޝުއާ ވެސް ނުކޮށް ކަމަށެވެ.

ރޭ އަންދާލި ދެވަނަ ދޯންޏަކީ 45 ފޫޓްގެ ދޯންޏެކެވެ. އެއީ ވެސް ފައިބަ ގްލާސް ދޯންޏެކެވެ. އެދޯނީގެ ވެރިޔާގެ ފަރާތުން ވާހަކަ ދެއްކި މޫސާ ޖަމާލު ބުނީ ދޯނީގެ އަގަކީ 780000 ރުފިޔާ ކަމަށެވެ. އަދި ބުނީ އޭގެ އިތުރުން ކަންނެލި މަސްވެރިކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުވެސް ދޯނީގައި ހުންނާނެ ކަމަށެވެ.

" ވަރަށް ދެރަ، މިދިމާވި ކަންތައް. އެއީ އަށް މީހުން މަސްވެރިކަން ކުރާ ދޯންޏެއް. އަށް މީހުންގެ ވަޒީފާ ވެސް ގެއްލުނީ، " ދޯނި އަންދައިލުމުން ލިބުނު ގެއްލުމާ ބެހޭ ގޮތުން ސަންއާ ވާހަކަ ދައްކަމުން ޖަމާލް ބުންޏެވެ.

ރޭ އަންދާލައިފައިވާ ފައިބަގްލާސް ލޯންޗްގެ ވެރިޔާ އަބޫބަކުރު ބުނީ އޭނާގެ އުޅަނދުގެ އަގަކީ އެއް މިލިޔަން ރުފިޔާ ކަމަށެވެ. އަދި އޭނާގެ އުޅަނދުވެސް އޮތީ އިންޝުއާ ނުކޮށް ކަމަށް ބުންޏެވެ.

އުޅަނދުތައް އަންދައިލި ހާދިސާއާ ބެހޭ ގޮތުން ސަންއަށް މައުލޫމާތު ދެއްވަމުންއ ކެންދޫ ކައުންސިްގެ ރައީސް ޣައްފާރު ޤާސިމް ރޭ ވިދާޅުވީ އުޅަނދުތައް އަނދާފައި ހުރި ތަން ފެނުނީ ފަތިހު 5 ޖަހާއެހާކަންހާއިރު ކަމަށެވެ. އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.