24 Feb 2011, 08:34
ވެލެއްތާ : ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީ ދަަރިކަނބަލުން ޢާއިޝާ އަލްގައްޒާފީ އަވަށްޓެރި މޯލްޓާއަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ވެއްޖެ ކަމަށް ޚަބަރުލިބިއްޖެއެވެ.
އަލްޖަޒީރާއިން ހާމަކުރި މިޚަބަރު ބުނާގޮތުން ޢާއިޝާ މޯލްޓާއަށް ވަޑައިގެންނެވީ ލީބިޔާގެ ޚާއްސަ ޖެޓެއްގައެވެ. މިޖެޓް ވެލެއްތާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތިރިކުރުމުގެ ހުއްދައެދުމުން މޯލްޓާގެ ސަރުކާރުން އެކަމަށް ދެކޮޅު ހެދުމުން އަނބުރައި ލީބިޔާއަށް މިސްރާބު ޖަހާފައިވާ ކަމަށް މިޚަބަރު ބުނެއެވެ.
ޢުމުރުން 34 އަހަރުގެ ޢާއިޝާއަކީ ގައްޒާފީގެ އަށް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން ދަރިފުޅެވެ. ޢާއިޝާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ގައްޒާފީގެ ޢައިލާއާ ދުރުތާ ތިމާގެ ބޭފުޅެއް ކަމަށްވާ ލީބިޔާގެ ވައިގެ ސިފައިންގެ ޢަސްކަރީ ޕައިލެޓަކާއެވެ. އޭނާއަކީ ފަރަންސޭސިވިލާތުގެ ސަރބޯން ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ޕީ.އެޗް.ޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢާއިޝާ މޯލްޓާއަށް ވަޑައިގެންނެވީ ޤައުމުން ބޭރަށް ފިއްލެވުމުގެ ބޭނުމުގައިކަން ނުވަތަ ނޫންކަން އަދި ހާމަވެފައެއް ނުވެއެވެ. ޢާއިޝާއަކީ ބައްޕަ މުޢައްމަރުލްޣައްޒާފީއާ ވަރަށް އެއްގޮތް ޝަޚްސިއްޔަތެއް ހުންނަ ބޭފުޅެއް ކަމަށް ރިޕޯޓް ތައްބުނެއެވެ.
ލިބިޔާގެ އިރުމަތީގެ ހުރިހާ ރައްތަކަކާއި ހުޅަނގުގެ ބައެެއް ރަށްތައް މިހާރުވަނީ ގައްޒާފީގެ ކޮންޓްރޯލް ގެއްލިފައެވެ. ގައްޒާފީއާއި އޭނާގެ ޢާއިލާ ދިރިއުޅުއްވަމުންގެންދަވާ ބާބުލްޢަޒީޒިއްޔާ މިލިޓްރީ ކޭންޕް ހުންނަނީ ވެރިރަށް ޓްރިޕޮލީގައެވެ. ޓްރިޕޮލީ އަދިވަނީ ގައްޒާފީއަށް ތާއީދުކުރާމީހުންނާއި ބޭރުގެ ކުލީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.
ބާބުލްޢަޒީޒިއްޔާ މިލިޓްރީ ކޭންޕް ހިމާޔަތްކުރުމަށްޓަކައި ބޭރުގެ ކުލީ ސިފައިންގެ އެތަށް ހާސްބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށާއި ގައްޒާފީއާއި އޭނާގެ ޢައިލާ މިހާރުވަނީ ބާބުލްޢަޒީޒިއްޔާ މިލިޓްރީ ކޭންޕްގައި އެކަހެރިވެވަޑައިގެންފައި ކަމަށް ލިބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން ލީބިޔާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ސުލައިމާން ރޭގެވަގުތެއްގައިވަނީ ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެ ރައްޔިތުންނާއެކުގައިވާކަން ހާމަކުރައްވާފައެވެ. ގައްޒާފީގެ ވެރިކަން ވެއްޓޭން ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓުންނާއި މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މޯލްޓާއަކީ ޒަމާނުއްސުރެ ގައްޒާފީގެ ސަރުކާރާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އަދި ލީބިޔާގެ ނުފޫޒު ވަރަށް ބޮޑު ޤައުމެކެވެ -- އަލްޖަޒީރާ