ރިޔާޒް (އެޕްރީލް 24) : ޔަމަންގެ ސަރުކާރާއި އެގައުމުގެ ވެރިކަން އަތުލުމަށް މަސައްކަތްކުރާ ހުޘީ ހަނގުރާމަވެރިންނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށޭ ފަދަ އެއްވެސް މާހައުލެއްނެތް އަދި ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވިދާޅުވެއްޖެ އެވެ.

ރިޔާޒްގައި ދެއްވި ބަޔާނެއްގައި ޔަމަނަށް ސުލްޙަ ގެނައުމުގެ ވާހަކަތައް އަލުން ފެށުމާ މެދު ސަރުކާރާއި ހޫޘީންނާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ. ޔަމަންގެ ވާދަވެރި ފަރާތްތަކުގެ ތެރެއިން ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ އެބަޔަކު ބޭނުންވާ ޝަރުތުތަކެއް އަނެއް ބަޔަކު ފުރިހަމަ ކުރުމުން ނޫނީ ސުލްޙައިގެ މޭޒު ދޮށަށް ނުދިޔުމަށެވެ. ޔަމަންގެ ދާޚިލީ ހަނގުރާމަ ހިނގަމުން ދަނީ ޔަމަންގެ ވެރިކަން ހޯދުމަށް މަސައްކަތްކުރާ ހޫޘީ ހަނގުރާމަވެރިންނާއި ވެރިކަމުން އެއްފަރާތް ކުރެވިފައިވާ އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދުގަ އެވެ.

މީގެތެރެއިން ހޫޘީންނަށް އެހީތެރިވަނީ ޔަމަންގެ ކުރީގެ އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކުންނެވެ. ޔަމަން ސިފައިންގެ ލަޝްކަރުތަކުގެކޮންޓްރޯލް އޮތީ އަލީ އަބްދުﷲ ސާލިޙް ގެ އަތްޕުޅުގަ އެވެ. ޔަމަންގެ ރައީސް ހާދީއަށް އަސްކަރީ ގޮތުން އެހީތެރިވަނީ ބޭރު ގައުމުތަކުންނެވެ. މީގެތެރޭގައި އިސްކޮށް ހަރަކާތްތެރިވަނީ ސައޫދީ އަރަބިޔާ އެވެ. ހާދީ އާއި އޭނާގެ ކެބިނެޓްގައި ހިމެނޭ ގިނަ ވަޒީރުން ވެސް ދިރިއުޅުއްވަނީ ސައޫދީ އަރަބިޔާގަ އެވެ.

ހާދީ އަށް އަލުން އަނބުރައި ވެރިކަން ހޯދައިދިނުމަށް ޓަކައި ޔަމަންގެ ވެރިރަށް ސަންއާއިން ހޫޘީ ހަނގުރާމަވެރިން ބޭރުކޮށް އަސްކަރީ ގޮތުން ޙޫޘީން ބަލިކުރުމަށް ސައޫދީ އަރަބިޔާއިން ތިންހަފްތާ ވަންދެން ޔަމަނަށް ދިން ވައިގެ ޙަމަލާތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއްނުވެ އެވެ. ހޫޘީން ބަލިކުރުމުގައި ސައޫދީ ސިފައިން ނާކާމިޔާބުވެފައިވާތީ މިދިޔަ އަންގާރަދުވަހު ސައޫދީން ހުއްޓާލި ވައިގެ ޙަމަލާތައް އަލުންވަނީ ދޭންފަށާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ސައޫދީން ވައިގެ ޙަމަލާތައް ހުއްޓާލީ ޔަމަނަށް ސުލްޙަ ގެނައުމަށް މަސައްކަތްކުރާނެ ކަމުގެ ވައުދުތަކާއެކު އެވެ. ހާދީގެ ސަރުކާރުން ބުނަނީ ހޫޘީން ވެރިރަށް ސަންއާއިން ފާބައި ހަތިޔާރު ނުބަހައްޓަނީސް އެމީހުންނާއެކު ސުލްޙައިގެ މޭޒުދޮށަށް ނުދާނެ ކަމުގައެވެ. ހޫޘީން ބުނަނީ ޔަމަންގެ ދާޚިލީ މައްސަލައިގެ ތެރެއަށް ސައޫދީން ވަނުން ހުއްޓާލައި ސައޫދީން ޔަމަނަށް ދެމުން ގެންދާ ޙަމަލާތައް މުޅިން ހުއްޓާލައި އެޙަމަލާތައް އަލުން ނުފަށާނެކަމުގެ ގެރެންޓީ ނުދެނީސް ހާދީގެ ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ނުފަށާނެ ކަމުގައެވެ. ނަމަވެސް ސުލްޙައިގެ ވާހަކަތައް ފެށުމާމެދު ހޫޘީންނާއި ހާދީ ގެ ސަރުކާރާ ދެމެދު ޚިޔާލުތަފާތުވެ އެއްބަޔަކު އަނެއް ބަޔަކަށް ޝަރުތުތައް ކުރިމަތިކުރުމާއެކު މިކަން ވަނީ ވާގޮތް ނުވެފަ އެވެ.

ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ކޮންޓްރޯލް އޮންނަ ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ ތާއީދު ހޫޘީންނަށް ލިބެމުންދާތީ ހުޘީން އަސްކަރީ ގޮތުން ބަލިކޮށް ސަންއާއިން އެމީހުން ބޭރުކޮށް ރައީސް ހާދީ އަށް އަލުން ވެރިކަން ހޯދައި ދިނުމަކީ ސައޫދީ ންނަށް ކުރެވިދާނެ ކަމެއްކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ. (ރޮއިޓާސް)