24 Apr 2015, 14:03
ވޮޝިންޓަން (އެޕްރީލް 24) : އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް ޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެ މެދު މިމަހުގެ ކުރީކޮޅު ވެވުނު އެއްބަސްވުމުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ އަސްކަރީ ހަރަކާތްތައް ބަލައި ފާސްކުރުމަށް މިހާތަނަށް ލިބިފައިނުވާ ފުރްސަތުތަކެއް ލިބިފައިވާކަން އެމެރިކާ ހާމަކޮށްފި އެވެ.
އެމެރިކާގެ ހަކަތައާބެހޭ ވަޒީރު އާނެސްޓް މޮނީޒް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުން އަސްކަރީ އެއްވެސް ޙަރަކާތެއް ހިންގާނަމަ އެކަން ވަގުތުން ބެލޭނެ ފުރްސަތާއި ގާބިލްކަން 10 އަހަރުގެ މުއްދަތަށް މިއެއްބަސްވުމުގެ ދަށުން ދުނިޔޭގެ ބޮޑު ހަ ބާރަށް ލިބިފައިވާ ކަމުގަ އެވެ.
"މިއީ، އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އަސްކަރީ ހަރަކާތްތައް ބަލައި ފާސްކުރުމަށް މިހާތަނަށް ލިބިފައިނުވާ ފުރްސަތުތަކެއް" ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި މޮނީޒް ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑު ހަ ބާރާއި އީރާނާ ދެމެދު ވެފައިވާ ފްރޭމްވޯކް އެއްބަސްވުން ބިނާވެފައި ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހަރަކާތެއް ކުރިޔަށް އޮތް 10 އަހަރު ތެރޭގައި އީރާނުން ނުހިންގުމާއި އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްޗަށެވެ. މިކަމާ ބެހޭ ދާއިމީ އެއްބަސްވުމުގައި އީރާނާއި ދުނިޔޭގެ ބާރުތަކާދެމެދު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫންމަހުގަ އެވެ. ދާއިމީ އެއްބަސްވުމަކާހަމައަށް ދިޔުމުގެ ވާހަކަތައް ޖެނީވާގައި ކުރިޔަށްގެންދިޔުމަށް ބައެއް ހުރަސްތައް ކުރިމަތިވެފައިވެ އެވެ.
މީގެތެރޭގައި ދާއިމީ އެއްބަސްވުމަކަށް އާދެވުމާއެކު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލުމަށް އީރާނުން ޝަރުތުު ކުރުން ހިމެނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ބޭނުންވަނީ މަރްޙަލާ ތަކަކަށް ބަލާހައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. ދަތިކުރުުމުގެ ފިޔަވަޅުތައް ވަގުތުން އުވާނުލާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާން ގެންދަނީ ފަސްޖެހެމުންނެވެ. ނަމަވެސް މިމައްސަލަ ޙައްލުވާނެ ކަމަށްވަނީ ބެލެވިފައެވެ. (ރޮއިޓާސް)