މަޝްހޫރު ތާރީހު ލިޔުންތެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ ރޭ ފަތިހު އެވެ. ޝަފީގުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ޝަފީގަކީ ތާރީހު ވަރަށް ގިނަ ލިއުންތައް ލިއުއްވައި، ރައްކާ ކުރައްވައިގެން ގެންގުޅުއްވާ ބޭފުޅެކެވެ. އަދި ތާރީހު ދިރާސާ ކުރެއްވައި ތާރީހީ ހާދިސާތަކުގެ ޑައިރީ ވެސް ޝަފީގު ލިޔުއްވާފައިވެ އެވެ. ތާރީހަށްޓަކައި 1945 އަހަރުން ފެށިގެން އަހުމަދު ޝަފީޤު ލިއުއްއްވަމުން ގެންދެވި ޑައިރީތަކެއް އޭނާގެ ހުއްދައެއް ނެތި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އަތުލައި، ނައްތާލެއްވި ކަަމށް ޝަފީގު ތުހުމަތުކުރައްވާފައިވެ އެވެ.

ޝަފީގު އެންމެ ފަހުން ލިޔުއްވި ފޮތަކީ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" މި ފޮތެވެ. އޮކްޓޯބަރު 10، 2010 ގައި އެ ފޮތް ނެރެދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ފޮތް ނެރެން ތައްޔާރުވެފައި ވަނިކޮށް، ހަގީގަތާ ހިލާފު ވާހަކަތަކެއް ލިއުއްވައިފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޝަފީގުގެ މައްޗަށް އަބުރުގެ ދައުވާ އުފުލަވާފަ އެވެ.

މައުމޫން ކުރެއްވި ދައުވާއާ ގުޅިގެން ޖުލައި 31، 2012ގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މައުމޫންގެ އަބުރާ ޝަފީގު ބެހުނު ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ޝަފީގުގެ ފަރާތުން މައުމޫނަށް 5000ރ. ދިނުމަށް އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވެ އެވެ.