ބ. ކެންދޫ ފަޅުގައި އޮތް ފައިބަރު ދެ މަސް ދޯންޏާއި ލޯންޗެއް ރޯކޮށްލައިފި އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްގައްފާރު މިރޭ ފަތިހު ސަން އަށް ވިދާޅުވީ އަނދާފައިވާ އެއް ދޯންޏަކީ 75 ފޫޓުގެ ކަންނެލި މަސް ދޯންޏެއް ކަމަށާއި އަނެއް ދޯންޏަކީ އެއަށް ވުރެ ކުޑަ ދޯންޏެއް ކަމަށެވެ. ލޯންޗަކީ ކުޑަ ގަލްފްކްރާފްޓް ލޯންޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައްފާރު ވިދާޅުވީ އުޅަނދުތައް އަނދާފައި ހުރި ތަން ފެނުނީ ފަތިހު 5 ޖަހާއެހާކަންހާއިރު ކަމަށާއި އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ކެންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވުމުން އަނދާފައި

އޭނާ ވިދާޅުވީ އެ ރަށުގައި ތެޔޮ ވިއްކާ ތަނެެއްގެ ތަޅު ވެސް އެ ގަޑީގައި ހަލާކުކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެތަނަށް ގެއްލުމެއްް ލިބިފައިވާ ކަމެެއް ނުވަތަ އެ ތަނުން ޕެޓްރޯލް ފަދަ އެއްޗެއް ނަގާފައިވާ ކަމެއް އަދި ނޭނގޭ ކަމަށެވެ.

ގަޢްފާރު ވިދާޅުވީ ތިން އުޅަނދަކީ ވެސް ފައިބަރު ތިން އުޅަނދު ކަމަށާއި އެއިން އެއްވެސް އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގައި ފެންޖެހުމަށް ހުރި ޕަންޕް ވެސް އެ ގަޑީގައި ސްޓާޓް ނުކުރެވިގެން ބޭނުން ނުކުރެވުނު ކަމަށާއި އަލިފާނުގެ ހުޅާ ހެދި އެ ސަރަހައްދަށް ބަޔަކަށް ކައިރި ވެސް ނުވެވި ރައްޔިތުންނަށް ވެސް މާ ބޮޑު އެހިތެރިކަމެއް އަލިފާން ނިއްވުމަށް ފޯރުކޮށް ނުދެވުނު ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ކެންދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވުމުން އަނދާފައި