ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ޅ. ނައިފަރުގައި ގާއިމް ކުރި ފުޓްސެލް ދަނޑު ރޭ އެ ރަށުގައި ހުޅުވައިފި އެވެ.

ނައިފަރުގައި ގާއިމްކުރެވިފައިވާ ފުޓްސެލް ދަނޑުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނައިފަރު ފުޓްސެލް ދަނޑު ހުޅުވައިދެއްވާފައި ވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު މަލީހު ޖަމާލެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރުގެ އިތުރުން، ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި އިކޮނޮމިކް މިނިސްތާރު މުހައްމަދު ސައީދު، އެންވައިރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރު ހުސެއިން ޝަރީފް، ފިޝަރީސް މިނިސްޓާރު ޑރ. މުހައްމަދު ޝައިނީ، ބަންޑާރަ ނައިބު މުހައްމަދު އަނިލް، މަޖުލިސް މެންބަރު އަހުމަދު ނިހާން އަދި އަހުމަދު ޝިޔާމްގެ އިތުރުން، އިތުރު މެންބަރުންނާއި ޅ. އަތޮޅު ކައުންސިލް އަދި ނައިފަރު ކައުންސިލަރުން ވަނީ ބައިވެރި ވެފަ އެވެ.

މިރޭ ނައިފަރު ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ވަޒީރުންނާއި އެމްޕީން ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

އެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވަނީ ނައިފަރުގެ ޒުވާނުންނަށް ކުޅިވަރާ ބެހޭ އެކި ސަމާނު ހަދިޔާ ކޮށްފަ އެވެ. އެގޮތުން ނައިފަރުގެ މަދަރުސަތުލް އިފްތިތާހް އަށް ވޮލީ ކުޅެން ބޭނުންވާ ސާމާނާއި، އެ ރަށު ޒުވާނުންގެ ފުޓްބޯޅަ ޓީމަށް ފުޓްބޯޅަ ކުޅެން ބޭނުންވާ ސާމާނާއި، އެ ރަށު ވޮލީ ޓީމަށް ވޮލީ ކުޅެން ބޭނުންވާ ސާމާނާއި، ބަށިކުޅޭ ޒުވާނުންނަށް ބަށި ކުޅެން ބޭނުންވާ ސާމާނު ވަނީ ހަދިޔާ ކޮށްފައެވެ.

އޭގެ އިތުރުން ނައިފަރު ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީ އާއި، އެ މަސައްކަތުގައި އެހީތަރިވެދިން ފެނަކަ ކޯޕަރޭޝަނަށާއި، ޅ. އަތޮލޫ ކައުންސިލް އަދި ނައިފަރު ކައުންސިލަށް އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓާރީގެ ފަރާތުން ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. އަދި އެ ދަނޑުގެ މަސައްކަތް ނިންމުމަށް ފަހު ޔޫތު އެމްޓީސީސީގެ ފަރާތުން ޔޫތު މިނިސްޓަރީއާ ދަނޑު ރަމްޒީކޮށް ހަވާލުކޮށްފައި ވާއިރު، ޔޫތު މިނިސްޓްރީން ވަނީ ނައިފަރު ކައުންސިލާ ދަނޑު ރަސްމީކޮށް ހަވާލުކޮށްފައެވެ.

ނައިފަރު ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށު ސްކޫލުން އައިޓަމެއް ހުށަހަޅައިދެނީ ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ނައިފަރަކީ ހުރިހާ ދާއިރއަކުންވެސް ތަރައްގީ ބޭއްނުންވެފައިވާ ރަށެއް ކަމަށާއި، އެ ފަުޓްސެލް ދަނޑުގެ މަސައްކަތް ނިމި، ދަނޑުގެ ބޭނުން ޒުވާނުންނަށް ކުރެވޭ ވަރު ވުމަކީ ސަރުކާރުން އެ ރަށާ ދޭތެރޭ ބަހައްޓަވާ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރަޝީދު ވިދާޅުވީ ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން ނައިފަރުގައި ދެން ގާއިމް ކުރެވިގެންދާ ކުޅިވަރުގެ ވަސީލަތްތައް އަދި އެއަށްވުރެ ވެސް ފުރިހަމަ ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކައުސިލްގައި ތިބި އިދިކޮޅު ފަރާތްތަކަށް ގޮން ޖަހާލަމުން މިހާރުގެ ސަރުކާރު ތާއީދު ކުރަނީ، ނައިފަރަށް މި ސަރުކާރުން ބޮޑު ތަރައްގީއެއް ގެނެސްދޭނެ ކަން ޔަގީން ކުރަމުން ކަމަށެވެ.

ދަނޑު ހުޅުވުމަށް ފަހު ކުޅުނު މެޗުގައި މިނިސްޓަރު އަދީބް ކާމިޔާބު ކުރި ލަނޑަކާ އެކު އެ ޓީމް އުފާ ފާޅުކުރަނީ ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

މިރޭގެ ރަސްމިއްޔާތަށް ފަހު އެ ދަތުރުގައި ރަށަށް ވަޑައިންނެވި ވަޒީރުންނާއި ޔޫތު މިނިސްޓްރީގެ މަޗަށް އެކުލެވިގެންވާ ޓީމަކާއި، މަޖުލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓީމެއް ބައްދަލުކުރި މެޗެއް ވަނީ ކުޅެފަ އެވެ. އެ މެޗުގައި މިނިސްޓަރުންގެ ޓީމު ކާމިޔާބު ކޮށްފައި ވަނީ 7-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.