24 Apr 2015, 11:22
ހައްގު ނޫން ގޮތުގައި އެއްވެސް މީހަކަށް އަނިޔާ ނުކުރުމަށް ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް އިލްތިމާސް ކުރައްވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚު އިލްޔާސް ޙުސައިން ވިދާޅުއްޖެ އެވެ.
ޤިޔާމަތް "ކައިރިވެއްޖެ" މި މައުޟޫއަށް ކާނިވާ ސަރަހައްދުގައި ރޭ ދެއްވި ތަޤުރީރުގައި ޝައިޚު ވިދާޅުވީ ރާއްޖޭގައި އޭނާ އެންމެ ގަދަރު ކުރައްވާ ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށެވެ.
"...އަޅުގަނޑު ދިވެހި ރާއްޖޭގެ ބަޔަކަށް އެންމެ ގަދަޔަށް އިހުތިރާމް ކުރާ ބަޔަކަށް ވަނީ ނަމަ އެބަޔަކީ ސިފައިންނާއި ފުލުހުންނޭ. ސަބަބަކީ އެމީހުން އެމީހުންނަކީ އަޅުގަނޑުގެ ނަޒަރުގައި ދީނީ ގައުމީ ވާޖިބެއް އަދާކުރާ ބައެއް. އެ މީހުން އުފުލާ ބުރަ ވެސް އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކަށް އަންނާނީ ބޭރު ދުނިޔޭގައި އެ ފެންނަ މަންޒަރުތަކެއް ފަދައިން އެބޭފުޅުން ވެވަޑައިނުގަންނަވާށޭ. ޤިޔާމަތުގެ އަލާމާތަކަށޭ ވާނީ . ޙައްޤުނޫން ގޮތުގައި އެއްވެސް ކަހަލަ އަނިޔާއެއް ނުކުރާށޭ،" ޝައިޚު ވިދާޅުވިއެވެ.

"ކައިރިވެއްޖެ" ނަމުގައި ޝައިޚު އިލްޔާސް ރޭ ދެއްވި ދަރުހުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރާއްޖޭގެ އާ ގާނޫނުލް އުގޫބާތުގައި ހުރި މައްސަލަ ތަކާއި ބެހޭ ގޮތުން ވެސް ރޭގެ ތަޤުރީރުގައި އޭނާ ވާހަކަފުޅު ދެއްކެވިއެވެ.
"...އަޅުގަނޑު ދަންނަވާނީ އިލްމުވެރިންނޭ ދައްކަވާށޭ މިވާހަކަ . އަޅުގަނޑުމެންގެ ވާޖިބެކޭ،" ޝައިޚު ވިދާޅުވިއެވެ.
ގާނޫނުލް އުގޫބާތުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިސްލާމްދީނުގެ ބައެއް ހައްދުތައް ގާނޫނުލް އުގޫބާތުގައި ހިމަނާފައި ނުވާ ކަމަށެވެ. އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަނިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
"... ކޮން މާއްދާއެއްގައި ތޯ އޮތީ ﷲ ޞުބުޙާނަޙޫ ވަތަޢާލާގެ ޙައްދުތައް ބަދަލު ނުކޮށް؟ ކޮން މާއްދާއެއްގައިތޯ އޮތީ މުޙުސަނުންގެ ޙައްދު( ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭ ކުރުމުން ދޭން ޖެހޭ އަދަބު)؟ ނޯންނާނެ، ކޮންމާއްދާއެއްގައިތޯ އޮތީ ވައްކަމުގެ ޙައްދު؟ ނެތް. ޤުރުއާނުގައި އޮތް ގޮތަކަށް ނޯންނާނެ އެއްވެސް ތަނެއްގައި. ކޮން މާއްދާއެއްގައި ތޯ އޮތީ ޙިރާބާގެ ޙައްދު؟ ނެތް. ކޮން މާއްދާއެއްގައި ތޯ އޮތީ މަރަށް މަރު ހިފުނ؟ ނެތް،" އޭނާ ވިދާޅުވި އެވެ.

"ކައިރިވެއްޖެ" ނަމުގައި ޝައިޚު އިލްޔާސް ރޭ ދެއްވި ދަރުހުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޝައިޚު ފާހަގަ ކުރެއްވި ކަންތައްތައް އެނޫން ގޮތަކަށް އޮތް ނަމަ ޢިލްމުވެރިން ވެސް އެވާހަކަ ވިދާޅުވެ ދެއްވަން ވެސް އެދިވަޑައިގެންނެވިއެވެ. އަދި އެކަމުގައި އިލްމުވެރިން ވާހަކަ ދެއްކެވުމަށް އިލްތިމާސް ކުރެއްވިއެވެ.
ގާނޫނުލް އުގޫބާތުގައި އިސްލާމްދީނުގެ ބައެއް ހައްދުތައް ހިމަނާފައި ނުވި ނަމަވެސް ބައެއް ކަންތައްތައް ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް އެއް މާއްދާއެއްގައި ހިމަނާފައިވާ ބައެއް ކަންތައްތައް އަނެއް މާއްދާއިން ވަނީ އިސްތިސްނާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" ... އެބަހުރި ހައްދުތަކެއް، ބައެއް އެއްޗެތި އިސްލާމްދީނުގައި ހުރި ގޮތަށް ބަޔާންކޮށްފައި. ނަމަވެސް ހ. ގައި ބަޔާން ކުރެވިއްޖެ ނަމަ ށ. ގައި ބުނަނީ ހ. މިހެން އޮތް ކަމުގައި ވިޔަސް މިމާއްދާގެ ދަށުން އިސްތިސްނާ ވާނޭ،" އޭނާ ވިދާޅުވި އެވެ.

"ކައިރިވެއްޖެ" ނަމުގައި ޝައިޚު އިލްޔާސް ރޭ ދެއްވި ދަރުހުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒް މޫސާ