24 Feb 2011, 08:27
ޓްރިޕޮލީ : އެއްކޮޅުން ލިބިޔާގެ ޒަޢީމް ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ ރައްތިޔުން، އަނެއްކޮޅުން ގައްޒާފީގެ ސަޕޯޓަރުންނާއި އޭނާގެ ނިޒާމް ދެމެހެއްޓުމަށް މަސައްކަތްކުރާ ބޭރުގެ ކުލީ ސިފައިންނާދެމެދު ވެރިރަށް ޓްރިޕޮލީގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ޚަބަރުލިބިއްޖެވެ.
ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވެ އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލިބިޔާގެ ގިނަޢަދަދެއްގެ ސިފައިންނާއި ސިފައިންގެ އޮފްސަރުން މިކުރިމަތިލުންތަކުގައި ރައްޔިތުންނާ ބައިވެރިވެ ކުލީ ސިފައިންނަށް ހަމަލާތައް ދެމުން ގެންދާ ކަމަށް އަލްޖަޒީރާއަށް މަޢްލޫމާތުދިން ލިބިޔާގެ ބައެއްފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން ބެންޣާޒީއާއި ލީބިޔާގެ އިރުމަތީގެ ހުރިހާ ރަށަކުން ގައްޒާފީގެ ކޮންޓްރޯލް ގެއްލި އެރަށްތައް ރައްޔިތުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެކަން ލިބިޔާގެ އަވަށްޓެރި ޤައުމެއް ކަމަށްވާ އިޓަލީން ބުނެއެވެ. މިރަށްތަކުގެ ތެރޭގައި ބެންޣާޒީ، އަލްބައިޟާ، ދަރްނާ، ތުބްރުޤް، އަލްމަރްޖު، ޝައްޙާތު އަދި އަޖްދާބިޔާ ހިމެނެއެވެ.
އިޓަލީގެ ޚާރިޖީ ވަޒީރު ފްރަންކޯ ފްރަޓީނީ ވިދާޅުވީ ލިބިޔާގެ އިރުމަތީގެ ހުރިހާ ސަރަޙައްދަކުން ގައްޒާފީގެ ކޮންޓްރޯލް ގެއްލިއްޖެ ކަމުގައެވެ. އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީއަކީ ގައްޒާފީއާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ ބޭފުޅެކެވެ. ގައްޒާފީ އޭނާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އެއްވެސް އަނިޔާވެރި ޢަމަލެއް ބަލުސްކޯނީ ކުށްވެރިކުރައްވާފައެއް ނުވެއެވެ.
ގައްޒާފީގެ ކިބައިން މިނިވަންވި ހުރިހާ ރަށެއްގައި ރައްޔިތުން މަގުތަކަށް ނުކުމެ އެކަކު އަނެކަކާ ސަލާމް ގަލާންކޮށް ރައްޔިތުން ގެންދަނީ މަގުތަކުގައި ހަލުވާއާއި ފޮނިކާތަކެތި ބަހައި އުފާފާޅުކުރަމުންނެވެ. ނަމަވެސް ގައްޒާފީގެންގުޅުއްވާ ބޭރުގެ ކުލީސިފައިންގެ އަނިޔާވެރިކަމުގެ ދަށުގައި ޓްރިޕޮލީގެ ރައްޔިތުން ވޭންތައް އުފުލަމުންދާތީ އުފާވެރިކަން ފުރިހަމަނުވާ ކަމަށް ބެންޣާޒީގެ ޢާންމުން ބުނެއެވެ.
މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ސަރުކާރުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް ހާހަކަށްވުރެ ގިނަމީހުން މަރުވެފައިވާނެ ކަމަށް ލިބިޔާގެ އިދިކޮޅު ފަރާތްތަކުންވެސް އަންދާޒާކުރެއެވެ. އިޓަލީގެ ޚާރިޖީވަޒީރުވެސްވަނީ ހާހެއްހާ ލިބިޔާގެ ރައްޔިތުން މަރާލެވިފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. -- އަލްޖަޒީރާ