23 Apr 2015, 22:42
ހުރަވީ ބިލްޑިންގުގައި ކުރިން ޖެންޑާ މިނިސްޓްރީ ހިންގި ފްލޯ، މާލޭ ސިޓީ ކައުންސިލް ހިންގުމަށް އެ ކައުންސިލާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިރޭ 'ސަން' އަށް ވިދާޅުވީ، އެތަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ މިއަދު އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އެތަން ހަވާލުކުރުމުގެ އެއްބަސްވުމުގެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ރަމީޒު ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ފަޔާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ސިޓީ ކައުންސިލްގެ އެންމެހާ އިދާރީ ކަންކަން ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ވެސް އިބްރާހީމް ރަމީޒެވެ.
މާލޭ ސިޓީ ކައުންސިލް އިދާރާ މިހާރު ހިންގަމުން އަންނަ ގ. ބިއްލޫރިޖެހިގެ ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ ސަން ވިދާޅުވީ، ތިން ދުވަހުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް ހައުސިން މިނިސްޓްރީ އިން އެންގި ކަމުގައި ވިޔަސް އެއީ އެކަށީގެންވާ މުހުލަތެއް ކަމުގައި ނުވާތީ، އެމުއްދަތުގައި އެތަން ހުސްކުރެވެން ނެތް ކަމަށެވެ. އަދި އެކަން މިއަދު ހައުސިން މިނިސްޓީ އަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބަދަލުނުވެވޭނޭ. އަޅުގަނޑުމެން އެއޮތީ ވަރަށް ސާފުކޮށް ދަންނަވާފައި ސިޓީއަކުން. އެއީ އެކަށީގެންވާ މުއްދަތެއް ކަމުގައި ވެސް ނުވާތީވެ، އަޅުގަނޑުމެންގެ ސިވިލްސާވިސްގެ ބޭފުޅުންނެއް ގޮސް އެތަންތަނަށް ނުވަދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ މިހެން ވިދާޅުވެފައިވީ ނަމަވެސް، މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެފައި ވަނީ، ސިޓީ ކައުންސިލްގައި ތިއްބެވި ފަރާތްތަކަކީ ވަކި ތަނެއްގައި ތިބެގެން މަސައްކަތް ކުރަން ބޭނުންފުޅުވާ ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ހަމަޖައްސަވާ ދެއްވާ ތަނަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދެވޭނެ ތަނެއް ކަމަށްވާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެކަށީގެންވާ ރަނގަޅު ސްޕޭސްއެއް ލިބޭ ކަމަށް ވަންޏާ ރަނގަޅު ވާނެ ހަމަ. އެހެންނަމަވެސް އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ނުކޮށް، ހަތް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ބަދަލުކޮށްލުން އެއީ ވަރަށް ދަތި ކަމަކަށް ވާނެ،" ޝިހާބު ވިދާޅުވި އެވެ.