އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް ބައްދަލު ކުރި މެޗް 1-1 އެއްވަރުކޮށް އީގަލްސްއިން މާޒިޔާ ހިފަހައްޓައިފިއެވެ.

މެޗް ފެށިގެން ރަނގަޅަށް ކުޅެމުން ދިޔަ މާޒިޔާއިން އެޓީމްގެ ލަނޑު ފުރަތަމަ ހާފްގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އެވެ. އޭނާ މިލަނޑު ޖެހީ މިސީޒަންގައި ނިއުގައި ހުރެފައި، ޕީޕަލްސް ކަޕަށްފަހު މާޒިޔާއާ ގުޅުނު މުޙައްމަދު އުމޭރު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗްގެ 36 ވަނަ މިނެޓް ތެރޭގައި މާޒިޔާގެ ބަލްގޭރިއާ ޑިފެންޑަރު ޒިވްކޯ ޑިނޭވް ކަކުލަށް އަނިޔާވެ އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. ޒިވޯކްގެ ބަދަލުގައި މާޒިޔާއިން ކުޅެން ނިކުތީ ޒުވާން ޑިފެންޑަރު މުހައްމަދު ޞާއިފްއެވެ. ކުރިއަށް އޮތް އޭއެފްސީ ކަޕް މެޗްގައި ޒިވްކޯއަށް ނުކުޅެވޭނެ ކަމަށް މާޒިޔާއިން ބުނެއެވެ.

ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޒިވްކޯ އަނިޔާވެގެން ބޭލިފަހުން އީގަލްސްއަށް މެޗް އެއްވަރު ކުރި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އިސްމާޢިލް ޢީސާ (މެސީ) އެވެ.

މެޗްގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް އީގަލްސްއިން ވަނީ ދެ ވަނަ ހާފްގައި މާޒިޔާގެ ޑިފެންސަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސް ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ ލީގެއް ފެށިގެން ދާއިރު މިއަދުގެ މެޗް އެއްވަރުވުމުން ގެއްލިގެން ދިޔައީ ވަރަށް މުހިންމު ދެ ޕޮއިންޓްކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗްތަކުގައި އެކަންކަން ހައްލުވެގެންދާނެ ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާއާ އީގަލްސް ބައްދަލު ކުރިމެޗަށް ފަހު މާޒިޔާގެ ކޯޗް ޢަލީ ސުޒޭން މީޑިއާ އާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޒޭން ބުނީ އީގަލްސް ގެ ފަރާތުން މިދިޔަ އަހަރު އުނދަގޫ ވިޔަސް މިއަހަރު އުނދަގޫ ވެގެން ނުވާނެ ކަމަށާއި މިއީ މިއަދު ގެމެޗްގައި ދިމާވިގޮތް ކަމަށެވެ.

"މީ މިއަދު ދިމާވި ގޮތް. ވަކި އީގަލްސް ވެގެނެއް ނޫން. މިދިޔަ އަހަރު އީގަލްސް ވެގެން އުނދަގޫވިނަމަވެސް މިއަހަރު އުނދަގޫ ވެގެން ނުވާނެ. އެކަމަކު ހަމަ ދިމާވި ގޮތް މިކަހަލަ މެޗްތައްވެސް ބައެއް ފަހަރު އަންނާނެ" އީގަލްސްއާ ބެހޭ ގޮތުން ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ޒިވްކޯއަށް އަނިޔާވި ނަމަވެސް އެކަން މެޗްގައި މާބޮޑަށް ނުދައްކަމަށާއި ތަފާތަކަށް ފެނުނީ ޒިވްކޯއަށް އަނިޔާވެގެން ބޭލިފަހުން އީގަލްސްގެ ލަނޑު ކާމިޔާބު ކުރުން ކަމަށެވެ.

އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ، މާޒިޔާއަކީ މިސީޒަންގައި އެންމެ ވަރުގަދަ ޓީމްކަމަށާއި އެޓީމް މިމެޗާ ހަމަޔަށް އައީވެސް ވާދަވެރި ނުވަ މެޗް ކުޅުމަށް ފަހުގައި ކަމާށަ އެހެންކަމުން އެފަދަ ޓީމަކާ ދެކޮޅަށް ކުޅެ އެއްވަރުވުމުންވެސް ހިތް ހަމަޖެހޭ ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާއާ އީގަލްސް ބައްދަލު ކުރިމެޗަށް ފަހު އިހްސާން ޢަބްދުލް ޣަނީ (ސާންތީ) މީޑިއާ އާ ވާހަކަ ދައްކަނީ. މިއަދުގެ މެޗުން އެއްވަރުވުމުންވެސް ހިތް ހަމަޖެހޭ ކަމަށް އޭނާ ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާންތީ ބުނީ އީގަލްސްއަކީ މިހާރު ކުޑަ ޓީމެއް ނޫންކަމަށާއި ޕްރިމިއާ ލީގްގެ ވާހަކަ ދައްކާއިރު އެޓީމްގެ ވާހަކަވެސް ބޮޑު ޓީމެއްގެ ގޮތުގައި ދައްކަން ޖެހޭނެކަމަށެވެ.