އެމްޑީޕީގެ ރައީސް ކަން ކުރެއްވޭނީ ރައީސް ނަޝީދުގެ "ޕަޕެޓަކަށް" ވެގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސްކަން ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން އެމްޑީޕީން އިއުލާންކޮށްފައި ވަނިކޮށް ޓީވީ ޗެނަލް، ދިޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. މުނައްވަރު ވިދާޅުވީ އޭނާ ރައީސް ކަން ކުރެއްވެވި އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވޭނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ "ޕަޕެޓަކަށް" ވެގެން ކަމަށެވެ.

Listen!

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއްކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ (ހެން). ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޑރ. މުހައްމަދު މުނައްވަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމަށް މިހާރު އެންމެ އެކަށީގެންވާ ބޭފުޅަކީ ކޮބައިތޯ ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ އެކަމަށް ޖަވާބު ދެއްވަން އޭނާއަކީ މުނާސަބު ބޭފުޅެއް ނޫން ކަމަށެވެ. އޭނާއަކީ އެހެން ޕާޓީއެއްގެ ބޭފުޅެއް ކަމަށެވެ. ނަމަވެސް ވިދާޅުވީ އެމްޑީޕީއަކީ ރަޖިސްޓްރީވެފައިވާ ވަރަށް ވަރުގަދަ އަދި މެންބަރުން ގިނަ ޕާޓީއެއް ކަމަށާއި އެޕާޓީގެ މެންބަރުން، ޕާޓީގެ ރައީސް ކަމުގެ މަގާމަށް ގެންނަން ގާބިލު ބޭފުޅުން އެ ޕާޓީގެ ތެރޭގައި އެބަތިއްބެވި ކަމަށެވެ.

ޑރ. މުނައްވަރު އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަތީ 4457 ވޯޓާއެކު ޖޫން 3، 2007 ގަ އެވެ. މުނައްވަރު އެމްޑީޕީން ވަކިވެވަޑައިގަތީ އޮގަސްޓް 13، 2008، އެވެ. އޭނާ އެމްޑީޕީން ވަކިވަޑައިގަތް ފަހުން މިއަދަށް ވާނީ ދެ އަހަރާ ހަމަހާ އެއް ހަފުތާއާ ތިން ދުވަހެވެ. އެމްޑީޕީގައި ހުންނަވައި، ކުރިން އޭނާ ބަންޑާރަ ނައިބުކަން ކުރެއްވެވި ސަރުކާރާއި އޭރު ރައީސުލް ޖުމްހޫރިއްޔާއަށް ފާޑުވިދާޅުވި ފަދައިން މުނައްވަރު ރައީސްކަން ކުރެއްވެވި ޕާޓީ، އެމްޑީޕީގެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް މުނައްވަރު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވަން ފޮނުވި ސިޓީގައި މުނައްވަރު ވިދާޅުވެފައިވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ތެރޭގައި ހިނގާ ޑިމެކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާ އެކު އެ މަގާމުގައި އޭނާ ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.
ޑރ. މުނައްވަރަކީ އެމްޑީޕީގެ ރައީސްކަން ކުރެއްވެވި ދެވަނަ ބޭފުޅާ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވެވި ފަހުން ޕާޓީގެ އެ މަގާމު އޮތީ ހުހަށެވެ. އޭގެ ފަހުން މިދިއަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އެމްޑީޕީގެ ކޮންގެރެސްގައި ޕާޓީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމުގެ މަގާމު އުވާލަން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެކަން ވަނީ ފާސް ނުވެފައެވެ.

ޑރ. މުނައްވަރާއި އެމްޑީޕީ:

- 3 ޖޫން 2007: 4457 ވޯޓާއެކު އެމްޑީޕީގެ ރައީސް ކަމަށް ޑރ. މުނައްވަރު ވަޑައިގަތެވެ.
- 27 ޖޫން 2008: އެމްޑީޕީގައި ޑރ. މުނައްވަރުގެ ހިޔަނި ކެބިނެޓް އިއުލާން ކުރެއްވެވި އެވެ.
- 25 އޭޕްރީލް 2008: އެމްޑީޕީ ރިޔާސީ ޕްރައިމަރީސްގައި 5000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުން ޑރ. މުނައްވަރުގެ މައްޗަށް މުހައްމަދު ނަޝީދު ކާމިޔާބު ހޯއްދެވި އެވެ.
- 18 މޭ 2008: އެމްޑީޕީގެ ހަރަކާތްތަކާ އެކަހެރިވެ ވަޑައިގެން ހުންނެވުމަށް ފަހު، ޕާޓީއެއް ހައްދަވާ ކަމަށް ދެކެވެމުން ދިޔައ ވާހަކަތައް ޑރ. މުނައްވަރު ދޮގު ކުރެއްވެވި އެވެ.
- 18 ޖޫން 2008: އެމްޑީޕީގެ ރައީސް ޑރ. މުނައްވަރުގެ ހުރިހާ މަސްއޫލިއްޔަތެއް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ހުސައިން ޒަކީއާ ގައުމީ މަޖިލީހުން ހަވާލު ކުރި އެވެ.
- 13 އޯގަސްޓް 2008: އެމްޑީޕީގެ ރައީސްގެ މަގާމުންނާއި ޕާޓީގެ މެންބަރު ކަމުން ޑރ. މުނައްވަރު ވަކިވެވަޑައިގަތެވެ.