23 Apr 2015, 16:59
ގާހިރާ (އެޕްރީލް 23) : ސައޫދީ އަރަބިޔާއާއި ކުވައިތާއި ޔުނައިޓެޑް އަރަބި އިމަރޭޓްސް އިން ހަ ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީއެއް މިސްރަށް ދީފި އެވެ.
މިކަން ހާމަކުރައްވަމުން މިސްރުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ހިޝާމް ރާމިޒް ވިދާޅުވީ އެ ތިން ގައުމުން ކުރެ ކޮންމެ ގައުމަކުން ދެ ބިލިޔަން އެމެރިކާ ޑޮލަރު މިސްރުގެ މަރުކަޒީ ބޭންކަށް މިހަފްތާގައި ޖަމާކޮށްދީފައިވާ ކަމުގަ އެވެ.
މިދިޔަ މާޗް މަހު މިސްރުގެ ޝަރްމުއްޝައިޚްގައި ބޭއްވި އިގްތިސާދީ މަހާސިންތާގައި ސައޫދީ އަރަބިޔާއާއި ކުވައިތާއި ޔުނައިޓެޑް އަރަބި އިމަރޭޓްސް އަދި އުމާނުން ވަނީ މިސްރަށް އިގްތިސާދީ ގޮތުން އެހީތެރިވުމަށް ޓަކައި ހިލޭއެހީގެ ގޮތުގައާއި ދިގުމުއްދަތުގެ ލޯންގެ ގޮތުގައި 12.5 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފަ އެވެ. މިއީ މިގައުމުތަކުގެ ތާއީދު ލިބިފައިވާ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރު ދެމެހެއްޓުމަށާއި ސީސީ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ޙައްލުކޮށް ސީސީގެ ސަރުކާރު ބާރުވެރިކުރުވުމުގެ ގޮތުން ދިނުމަށް ނިންމި އެހީތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބި އިމަރޭޓްސް އަކީ މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ސީސީ އަށް ހިތްވަރާއި މަދަދު ދިންކަމަށް ތުހުމަތު ކުރެވޭ ދެގައުމެވެ. މުރުސީގެ ވެރިކަން ވައްޓާލުމަށް މިދެގައުމުން ސީސީ އަށް ހިއްވަރުދީފައި ވަނީ މިސްރުގެ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ މިދެގައުމުގައި ރަސްކަންކުރާ ޝާހީ އާއިލާތަކުން އެމީހުންގެ ވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާ އިދިކޮޅު ޖަމާއަތަކަށް ވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބި އިމަރޭޓްސް އިން ސީސީ އަށް ތާއީދުކުރާ އިރު ގަލްފުގެ އެހެން ގައުމެއް ކަމަށްވާ ގަތަރުން ތާއީދުކުރަނީ ޑރ. މުރުސީ އަށާއި އޭނާގެ އިޚްވާން ޖަމާއަތަށެވެ. (ރޮއިޓާސް)