މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވާ އިރު އޭނާ ދުނިޔޭގައި ނެތް ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ރިޟްވާން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމު ކޮށްފައިވާ ލިޔުމެއްގައި ބުނީ ރިޟްވާން ދުނިޔޭގައި ނެތްކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަޙުގީގަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައް ވެސް އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރިޟްވާން ގެއްލުނު ރޭ ހުޅުމާލޭގައި ހިނގި ކަމަށް ބުނާ ޙާދިސާ އާއި ގުޅޭ ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަޙުލީލު ކުރުމަށް ރާއްޖެ އިން ބޭރަށް ފޮނުވައި އޭގެ ބައެއް ތަޙުލީލުތަކުގެ ނަތީޖާ ރިޕޯޓް ފުލުހުންނަށް ލިބިފައިވުމާ އެކު ތަޙުގީގު ޓީމުން މިހާރު ދަނީ އެ ރިޕޯޓްތައް ދިރާސާކޮށް އެއިން ލިބެން ހުރި މަޢުލޫމާތުތަކަށް ބަލައި ތަޙުގީގު އިތުރަށް ކުރިޔަށް ގެންދާނެ ގޮތް ދިރާސާ ކުރަމުން ކަމަށެވެ.

"މިމައްސަލައިގެ ތަހުގީގުގައި މިހާތަނަށް މި މައްސަލައާ ގުޅިގެން 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 128 އަށް ވުރެ ގިނަމީހުންގެ ތަޙުގީގީ ބަޔާން ވަނީ ނެގިފަ އެވެ. ހުޅުމާލޭގައި ރިޟްވާން ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި 77 އެޕާޓްމަންޓްގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައިވެ އެވެ. ރިޟްވާން ޢަބްދުﷲ ހޯދުމަށާއި މައްސަލަ ތަޙުގީގު ކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 79 އަށް ވުރެ ގިނަ ތަނަކުން 157 ކެމެރާ އިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރެވިފައިވެ އެވެ." ފުލުހުން އާންމު ކުރި ލިޔުމުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ޢާންމު ހުރިހާ ސަރަޙައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަޙައްދުތަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތައް ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި ހުޅުމާލެ އިން 139 އަކަށް ވުރެ ގިނަ ތަންތަން ކޯޓުއަމުރުގެދަށުން ވަނީ ބަލައި ފާސްކުރެވިފައިވާ ކަމަށް ވެސް ފުލުހުން އާންމު ކުރި ލިޔުމުގައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަޙުގީގު ކުރުމުގެ މަސައްކަތް ފުލުހުން ހުއްޓާލާނީ ރިޟްވާންއާ ބެހޭ ޞައްޙަ މަޢުލޫމާތު އިތުބާރު ހުރި ގޮތެއްގައި ފުލުހުންނަށް ލިބި އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.