23 Apr 2015, 16:33
މޯލްޑިވްސް ގޭސް އިން ގޭގެއަށް ގޭސް ގެންގޮސްދޭ ނިޒާމު ޑިޖިޓަލް ކުރުމުގެ މަޝްރޫއުއެއް ފައްޓާފައިވާ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު ވިދާޅުވެއްޖެ އެވެ.
'ސަން' އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ޑެލިވަރީ ނިޒާމު ޑިޖިޓަލް ކުރުމަށް ފަހު ޓެސްޓު ކުރަމުންދާތާ އަށް މަސްވެފައިވާ ކަމަށެވެ. ކުރިން އޯޑަރު ނަގަމުން އައި ގޮތަކީ ފޯނުކޮށްފައި އޯޑަރު ދިނީމާ ފޮތެއްގައި އޯޑަރުދޭ ފަރާތުގެ ގޭގެ ނަމާއި މަގުގެ ނަން ލިޔަނީ ކަމަށާއި އެއަށް ފަހު ޕިކަޕަށް ގުޅާފައި އެ މައުލޫމާތު ކިޔައިދެނީ ކަމަށާއި ދެން ޕިކަޕުގައި އިންނަ މީހަކު އަތުން ލިޔެގެން ބިލް ހަދާފައި އޭގެ ފަހުން އެގެއަކަށް ޑެލިވަރީކޮށްދެނީ ކަމަށް މައުމޫނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވިހި ވަނަ ގަރުނުގައި ކަންކަން އޮންނަންވީ ގޮތެއް ނޫން މިއީކީ. އެއަށް ވުރެ ތަރައްގީވާންޖެހޭނެ. އެހެންވީމާ ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑު ކުރި މަސައްކަތަކީ އެއީ،" މައުމޫނު ވިދާޅުވި އެވެ.
އެގޮތުން ޑެލިވަރީ ނިޒާމުއެއްކޮށް ޑިޖިޓަލައިޒްކޮށްފައިވާ ކަމަށް މައުމޫނު ވިދާޅުވި އެވެ.
މި ސޮފްޓްވެއާ ގަންނަން އެ ކުންފުނިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓް ކުރި ކަމަށާއި އެހެން ނަމަވެސް ކުންފުނީގެ ސްޓާފުންގެ އުފެއްދުންތެރި އަދި ބުރަ މަސައްކަތުން ސޮފްޓްވެއާ ޑިޒައިންކޮށްފައި ވަނީ ވަރަށް ކުޑަ ޚަރަދެއްގައި ކަމަށް މައުމޫނު ވިދާޅުވި އެވެ.
"ސާޅީސް ފަސް ދުވަސް ތެރޭ އަޅުގަނޑުމެންގެ އައިޓީ ސްޓާފުން މިކަން ކުރި އިރު އައިޓީ އިކުއިޕްމެންޓަށް ހޭދަވީ ލައްކައެއްހާ ރުފިޔާ،" މައުމޫނު ވިދާޅުވި އެވެ.
މީގެ ކުރިންވާ ގޮތަކީ ކޯލްސެންޓަރުގައި އިންނަ ކުއްޖާ މި ބުނަނީ ފޯނު ނަގަމޭ ދެން ހަމަ އެބަސް ގަބޫލުކޮށްގެން ތިބެން ޖެހޭނީ. ޕިކަޕް އިންނަ މީހާ މި ބުނަނީ ޓްރެފިކުގައި ޖެހުނީއޭ ދެން ހަމަ އޭތި ގަބޫލުކޮށްގެން ތިބެން މިޖެހެނީ. ކަސްޓަމަރު މި ބުނަނީ ތިމަންނަ އޯޑަރު ދިންތާ ހަތަރު ގަޑިއިރުވެއްޖެޔޭ، ދެން އޭތި ވެސް އަޅުގަނޑުމެން އަޑުއަހަން ޖެހޭނީ،" މި ކަމަށް އޭރު ހައްލެއް ނެތް ކަމަށާއި އަދި މިކަން ބެލޭނެ ނިޒާމެއް ނެތް ކަމަށް މައުމޫނު ވިދާޅުވި އެވެ.
އާ ނިޒާމުގެ ދަށުން ގޭގަ އަށް ގޭސްފުޅި ފޮނުވައިދިނުމުގެ ނިޒާމު މުޅިން ބަދަލުވާނެ ކަަމަށް މައުމޫނު ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫނު 'ސަން' އަށް އިންޓަވިިއު ދެއްވަނީ - ސަން ފޮޓޯ/ޔޫސުފް ސޮފްވާން
"އޯޑަރު ކުރީމާ ކޯލްސެންޓަރުގައި އިންނަ ކުއްޖާ އެ ފޯނު ނަގާލާފައި. މި ބުނަނީ މިއީ މިވެނި ގެއެކޭ، ބުނީމާ ނަމުގެ ބަދަލުގައި މި ދެނީ ކޯޑެއް. ދެން ކޯޑު ޖަހާލީމާ އަންނާނެ ކޮން ގެއެއް ކަަމާއި ކޮން ހިސާބެއް ކަމާއި އެގެއިން ނަގާ ގޭސްފުޅީގެ ސައިޒާއި. މި ސިގްނަލްކޮށްލާނެ އޯޑަރު ދިން ގެއަކާއި އެންމެ ކައިރީގައި އޮތް ޑެލިވަރީ ޕިކަޕަކަށް. ދެން ޕިކަޕްގެ އިންނަ މީހާ ޓަޗް ސްކްރީނަކުން ޕްރެސްކޮށްލީމާ އެ އޯޑާ އެ ރިސީވްވީ. ދެން ޕިކަޕު ތެރޭގައި ބިލިން ސިސްޓަމް ވެސް ހުންނާނީ،" އާ ނިޒާމާ ބެހޭ މައުލޫމާތު ދެއްވަމުން މައުމޫނު ވިދާޅުވި އެވެ.
މިއިން ލިބޭ އެއްމެ ބޮޑު ފައިދާ އަކީ ކޯލް ކުރި ގަޑިއާއި ކޯލް ރިސީވް ކުރި ގަޑިއާއިި ޕިކަޕަށް ދިޔަ ގަޑިއާއި ޕިކަޕުން ގެއާ ހަމައަށް ޑެލިވަރީވި ގަޑިއާއި ހުރިހާ އެެއްޗެއް އެނގެން ހުންނާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި ގޭސް ފުޅި ގެންދިމުގައި ލަސްވަންޏާ ކަސްޓަމަރަށް ގުޅައިގެން އެެ ލަސްވަނީ ކީއްވެތޯ ބުނެދޭނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.
މި ސިސްޓަމަކީ އިތުބާރުކުރެވޭ ސިސްޓަމެއް ކަމަށާއި ފާއިތުވި އަށް މަސް ދުވަހު ކުރި ޓެސްޓްތަކުން ސިސްޓަމް ވަރަށް ފުރިހަމަކަން އެނގޭ ކަމަށް މައުމޫނު ވިދާޅުވި އެވެ.
އަދި ދިމާވާ ހާލާތަކުން ސިސްޓަމަށް މައްސަލައެއް ދިމާވިއަސް މެނުއަލްކޮށް ހިދުމަތްދޭން 15 ވަރަކަށް މިނިޓް ތެރޭގައި ފެށޭނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.
އަލަށް ގާއިމުކުރާ ޑިޖިޓަލް ނިޒާމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ހިދުމަތް އަވަސްވެ ކަސްޓަމަރުން ހިތްހަމަޖެހޭނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. ރަސްމީކޮށް މި ހިދުމަތް ބޭނުންކުރާނީ މާދަމައިން ފެށިގެންނެވެ. +