23 Apr 2015, 16:03
ފޮތް ކިޔެވުމުގެ އާދަ އަށަގަންނުވައި ރަނގަޅު އަދަބުތަކެއް ދަސްކޮށްދިނުމަށް ޓަކައި ލާލެ ޔޫތު އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން އިންޓަ ސްކޫލު "ބުކް ރީޑިން" މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މެހްމެޓް އާކިފް އާޑޮގަން ވިދާޅުވީ ބޭނުން ކޮންމެ ސްކޫލަކަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ މުބާރާތް އޮންނާނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.
މުބާތުގައި ބައިވެރިވާ ސްކޫލުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވެވޭނީ މޫސާ ކާޒިމްގެ "އަ ކޮމްޕްރިހެންސިވް ގައިޑް ޓު މެނާސް އެންޑް މޯރަލް އިން އިސްލާމް" ފޮތް ކިޔައިގެންނެވެ.
އެ މުބާރާތުގައި ބައިވެރި ވެވޭނީ ގްރޭޑް ނުވައަކާއި 10 އާއި 11 އަދި 12 ގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުބާރާތުގައި ކިޔުމަށް ހަމަޖެހިފައި ފޮތް ކިޔުމަށް ފަހު ސުވާލު ޕޭޕަރެއް ހަދަން ޖެހެ އެވެ. ޖުމްލަ 100 މަލްޓިޕްލް ޗޮއިސް ސުވާލުތައް އެކުލެވޭ އެ ޕޭޕަރު ހެދުމަށް ދެވޭނީ ދެ ގަޑިއިރު ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.
މުބާރާތުގެ ޓެސްޓު ހެދުމަށް ބޭނުންވާ ޕޭޕަރު ފޯރު ކޮށްދިނުމަށް ލާލެ އިން ކޮންމެ ސްކޫލަކަށް ޓީޗަރެއް ފޮނުވަން ހަމަޖައްސާފައިވާ ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފަ އެވެ.
ބުކް ރީޑިން ކޮމްޕެޓިޝަންގައި ބައިވެރިވާ ސްކޫލުތަކުގެ ތެރެއިން އެންމެ މޮޅު 10 ސްކޫލަކަށް ވަނީ ފައިސާ އާއި ޓްރޮފީގެ އިނާމެއް ހުށަހަޅާފަ އެވެ.
އެގޮތުން މުބާރާތުގެ އެއްވަނަ އަށް އަންނަ ސްކޫލަކަށް ވަނީ 5،000 ރުފިޔާގެ އިނާމެއް ހުށަހަޅާފަ އެވެ. ދެވަނަ އަށް އަންނަ ސްކޫލަކަށް 4،500 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އިރު ތިން ވަނަ ސްކޫލަށް ވަނީ 4،000 ރުފިޔާގެ އިނާމެއް ހުށަހަޅައިފަ އެވެ.