އަގުހެޔޮކޮށް ވައިގެ ދަތުރުގެ ހިދުމަތްދޭ އިންޑިއާގެ އެއާލައިނެއް ކަމަށްވާ ސްޕައިސްޖެޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.

އިންޑިއާގެ ޑެކަން ކްރޮނިކަލް ނޫހުން އިއްޔެ ބުނީ ސްޕައިސްޖެޓުން ރާއްޖެއަށާއި މެދުއިރުމަތީގެ ގައުމުތަކަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ އެއާލައިނަށް މަތިންދާ ބޯޓެއް އިތުރުކުރުމަށް ފަހު ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ވާތީ ކަމަށް އެއެއާލައިނުން ވަނީ ބުނެފައެވެ.

"...ދިވެހިރާއްޖެއަކީ ވާސިލުވާން ފަސޭހަ، މަގުބޫލު މަންޒިލެއް. އިންޑިއާގެ ތަފާތު މަންޒިލުތަކުން ކޮޗިން މެދުވެރިކޮށް އެގައުމަށް ކުރާ ދަތުރުތައް އިތުރުކުރަން އަހަރެމެން ބޭނުންވީ އެހެންވެ،" ސްޕައިސް ޖެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު ސަންޖީވް ކަޕޫރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ބަނދަރުމަތީ ރަށެއްކަމަށްވާ ކޮޗިންއިން ރާއްޖެއަށާއި މެދުއިރުމައްޗަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެރަށުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ އޮފިޝަލުންނާއި ސްޕައިސްޖެޓްގެ އޮފިޝަލުން މިހާރު ވަނީ މަޝްވަރާކޮށްފަ އެވެ.

ސްޕައިސް ޖެޓަކީ އިންޑިއާގެ 34 މަންޒިލަކާއި ބައިނަލް އަގުވާމީ ހަތް މަންޒިލަކަށް ދަތުކުރާ އެއާލައިނެކެވެ. އެގޮތުން އެ އެއާލައިނުން ދުވާލަކު 238 ދަތުރު ކުރެއެވެ.