ނިކޮލަސް އެލްމެގްރޯ 6-3 އަދި 6-1 ގެ ނަތީޖާއެއްގެ ސެޓުން ބަލިކޮށް ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރަށް ރަފޭލް ނަޑާލް ދަތުރުކޮށްފިއެވެ.

ސްޕެއިންއަށް ނިސްބަތްވާ ދެކުޅުންތެރިން ވަނީ މިމުބާރާތުގެ ކްއާޓާ ފައިނަލްގައި މިދިޔަ އަހަރު ބައްދަލުކޮށްފައެވެ. އެމެޗުގައި ނާޑާލްގެ މައްޗަށް ކާމިޔާބު ހޯދީ އަލްމެގްރޯއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މިދިޔަ މުބާރާތުގެ ކްއާޓާ ފައިނަލްގައި އެކުޅުންތެރިޔެއްގެ އަތުން އޭނާ ބަލިވި ކުޅުންތެރިޔާ ބަލިކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާ މެޗްގައި ދެއްކުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރަފޭލް ނަޑާލް ވަނީ ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރައް ދަތުރުކޮށްފަ --- ފޮޓޯ/ އޭޕީ

މިމުބާރާތް އަށް ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް ދެ ވަނަ ބުރުގައި ބައްދަލު ކުރަން ޖެހޭނީ 13 ވަނައަށް ސީޑްކޮށްފައިވާ އިޓަލީ ފަބިއޯ ފޮންޏީނީއާ ދެކޮޅަށެވެ.

ފޮންޏީނީ ތިން ބުރަށް ދިޔައީ ފުރަތަމަ ބުރުގައި ރަޝިއާ އެންޑްރީ ރުބްލޮވް ބަލިކުރުމަށްފަހުގައެވެ.

މި ދެކުޅުންތެރިން ބައްދަލު ކުރި މެޗްގެ ފުރަތަމަ ސެޓް 6-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރުބްލޮވްއެވެ. މެޗުން މޮޅުވި ދެސެޓް ފޮންޏީނީ ކާމިޔާބު ކުރީ 6-4 އަދި 6-1 ގެ ނަތީޖާ އަކުންނެވެ.

ދެ ވަނަ ބުރުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާރިން ކިލިކް ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވިކްޓަރާ އެސްޓްރިއްލާ ބާގޯސްއާ ދެކޮޅަށް ކުޅެ ބަލިވެފައެވެ.

ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގައި ރަފޭލް ނަޑާލް އާ ނިކޮލަސް އަލްމެގްރޯ ކުޅުނު މެޗް ބާސެލޯގެ ފޯވަޑް ނޭމާ ބަލަނީ --- ފޮޓޯ/ އޭޕީ

މިއީ މިދިޔަ އަހަރު ކޮނޑު ހުޅަށް ލިބުނު އަނިޔާއައަށްފަހު ކިލިކް ކުޅުނު ތިން ވަނަ މުބާރާތެވެ.

ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ މާރިން ކިލްކް މެޗަށް ފަހު ބުނީ މެޗްގައި ކުޅެވުނު ގޮތާ މެދު އޭނާ ހިތް ހަމަނުޖެހޭ ކަމަށާއި މެޗްގައި ހީނުކުރާ ކަހަލަ ވަރަށް ގިނަ މިސްޓޭކް ތަކެއް ހެދިފައިވާ ކަމަށެވެ.

ބާސެލޯނާ އޯޕަން ޓެނިސް މުބާރަތަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހު އެންމެ ފަހު ހަފުތާގައި ކުރިއަށް ގެންދާ މުބާރާތެކެވެ.