23 Feb 2011, 20:17
މުލިއާގޭގައި ބޭނުންކުރި ލޯންޗުތަކުގެ ތެރެއިން ބައެއް ލޯންޗުތަކާ ގައުމީ ދިފާއީ ބާރުން ހަވާލުއިރު އެ އުޅަނދުތަކުގެ ތެރޭގައި "ސައިމާ" ކިޔާ ލޯންޗެއް ހިމެނިފައި ނުވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
ރިޔާސީ ފްލީޓްގައި ހިމެނޭ ސައިމާ ގެއްލިފައިވާ ކަމަށާއި އެ ލޯންޗު މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަސީދުގެ ގާތް ބޭފުޅެއް ކަމަށްވާ، މުލިއާގޭ ޑިރެކްޓަރެއް ކަމަށްވާ ތ. ގާދިއްފުށީ މުހައްމަދު ރަގީބަށް ދެއްވާފައި ކަމަށް މިއަދު މީޑިއާގައި ވަނީ ހަބަރުތައް ފެތުރިފަ އެވެ.
ގައުމީ ދިފާއީ ބާރުން ނެރުނު ނޫސް ބާޔާނުގައި ބުނަނީ އެފަރާތަށް ނެގިފައިވާ ގޮތުގައި
ރިޔާސީ ފްލީޓްގައި ހިމެނޭ "ސައިމާ" ލޯންޗާ ބެހޭ ގޮތުން އެފަރާތަށް އެނގިފައިވާ ގޮތުގައި އެ ލޯންޗް މިވަގުތު އޮތީ މަރާމާތު ކުރަން ތިލަފުއްޓަށް ގެންގޮސް އެޕޯލޯ ހޯލްޑިން ތިލަފުށީ ސައިޓްގައި ކަމަށެވެ.
ސައިމާ ލޯންޗާ ބެހޭ ގޮތުން މައްސަލަތަކެއް ފެންމަތިކޮށް، އެ ލޯންޗު މުލިއާގޭގެ ވަޒީފާ އަދާކުރައްވާ ތ. ގާދިއްފުށީ މުހައްމަދު ރަގީބު (މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރު) ރައީސް ނަޝީދު ދެއްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
ޑީއާރްޕީގެ ނައިބް ލީޑަރު އިލްހާމް އޭސީސީއަށް މައްސަލަ ހުށަހެޅުއްވެވި ސިޓީގައި ބުނަނީ ދިވެހި ދައުލަތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ސައިމާ" ލޯންޗް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ، މުހައްމަދު ރަގީބު އަށް ދެއްވާފައިވާ ކަމަށާއި ސައިމާ ލޯންޗް މިހާރު ބޭނުން ކުރަނީ ވިޔަފާރި އުސޫލުން ދަތުރުތައް ކުރަން ގާދިއްފުށީގައި ކަމަށެވެ.
"... ދައުލަތުގެ މުދަލެއް މިގޮތަށް އަމިއްލަ ފަރުދަކަށް ދީފައިވާ ނަމަ އެކަމަކީ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަކަށް މެނުވީ ނުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އާއި މިކަން މިގޮތަށް ކޮށްފައިވާ ނަމަ މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ މިކަން ތިޔަ ކޮމިޝަނުގެ ސަމާލު ކަމަށް ގެނައުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ،" އޭސީސީއަށް އިލްހާމް ހުށަހެޅި ސިޓީގައިވެ އެވެ.
އިލްހާމްގެ ސިޓީގައި ބުނަނީ މުލިއާގޭ ލޯންޗް ސެކްޝަން، ވަޒީރުން މަޖިލީހުން ޖެނުއަރީ 2، 2011ގައި ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށާއި އެ ތާރީހުގައި މުލީއާގޭ ގަރާޖް ޑިފެންސާ ހަވާލު ކުރުމުގެ ކުރިން ޑިސެމްބަރު 31، 2010 ގައި ސައިމާ ލޯންޗު މުހައްމަދު ރަގީބުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގާދިއްފުށީ ކަތީބުގެ އެހީތެރިޔާ މުހައްމަދު އަޒްހީމް ވިދާޅުވި ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން ރައީސް ނަޝީދު އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގަތް ދަތުރުފުޅެއްގައި ގާދިއްފުށީ ދަރިވަރުން ތިމަރަފުއްޓަށް ކިޔަވަންދާނެ ލޯންޗެއް ދެއްވާނެ ކަމަށް ވިދާޅުވެ، ދެއްވި ލޯންޗެއް އެރަށުގައި އޮވެ އެވެ. އަދި ވިދާޅުވީ އެ ލޯންޗް ގެންގުޅެނީ އެއަތޮޅާއި ލ. އަތޮޅުގައި ފެރީގެ ހިދުމަތްދޭ ދޯނިސާވިސް އިން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެ ލޯންޗުގެ ކުއްޔާ ގުޅޭ ގޮތުން ރައީސް އޮފީހާއި ދޯނި ސާވިސް އާ ދެމެދު އެގެރިމެންޓެއް ކޮށްފައިވާ ކަމަށާއި އެ ލޯންޗްގައި ގާދިއްފުށީ ކުދިން ތިމަރަފުއްޓަށް ގެންދަނީ ހިލޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީ އަހުމަދު މައުސޫމް ވިދާޅުވީ ސައިމާ ލޯންޗު، ރައީސް މީހަކަށް ދެއްވާފައިވާ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެ ލޯންޗު އޮތީ މަރާމާތަށް ތިލަފުއްޓަށް އެހެލާފައި ކަމަށް މައުސޫމް ވެސް ވިދާޅުވެ އެވެ.
"ނޫސްވެރިންނަށް ވަރަށް ފަސޭހައިން ގޮސް ބަލާލެވިދާނެ ތިލަފުށި. އެ ތަނުގައި އެ ލޯންޗު އޮންނާނެ. ސައިމާ ލޯންޗަކީ މުލީއާގޭގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ލޯންޗެއް." މައުސޫމް ވިދާޅުވި އެވެ.