އިބްރާހިމް ނާސިރު އިންޓަނޭޝަނަލް (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްތެރެއަށް ގުރޫޕަކުން ވަދެ ފަސިންޖަރަކަށް ހަމަލާދީފި އެވެ.

އެ މާރާމާރީގައި އެ ޒުވާނާގެ ބޯ ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭ 10:30ގައި އައްޑޫ ސިޓީ އިން އައިއެންއައިއޭ އަށް އައި ޒުވާން ފިރިހެން ކުއްޖާ އަށް ހަތަރު މީހުންގެ ގްރޫޕަކުން ވަދެ ހަމަލާދީފައި ވަނީ އެ ޒުވާނާ ޑޮމެސްޓިކް ޓާމިނަލް ތެރޭގައި ލަގެޖް ނަގަން މަޑުކޮށްގެން ހުއްޓަ އެވެ.

އެ ހާދިސާ ހިނގިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަން ނުވަތަ ނޫން ކަން އަދި ހާމައެއް ނުކުރެ އެވެ.

އެެ ޒުވާނާ އަށް ހަމަލާދިން ސަރަހައްދަކީ ފަސިންޖަރުން ފިޔަވައި އެހެން ބަޔަކަށް ވަދެވޭ ސަރަހައްދެއް ނޫނެވެ. ނަމަވެސް ހަތަރު މީހުންގެ ގްރޫޕަކުން ވަނީ އެ ސަރަހައްދަށް ވަދެ މާރާމާރީ ހިންގައިފަ އެވެ. އެއީ ކިހިނެއް ހިނގި ކަމެއް ކަން ކަމާ ބެހޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.