ހައްޖަށް ދިޔުމަށް އެދި ކުންފުނިތަކަށް ފައިސާ ދެއްކުމުގެ ކުރިން ކޯޓާ ހުސްވެފައިވޭތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއަރު ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައި ވަނީ އަމިއްލަ ތިން ކުންފުންޏަކަށް ކަމަށެވެ. އެއީ ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ފްރޫޕް ޕްރައިވެޓް ލިމިޓެޑާއި މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއިން ކޮންމެ ކުންފުންޏަކަށް ވެސް ދޫކޮށްފައި ވަނީ 134 ކޯޓާ ކަމަށާއި އޭގެއިތުރަށް އެކުންފުނިތަކަށް ކޯޓާ ދިނުމަށް ހަމަޖައްސާފައިނުވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް އައިއިރު ކޯޓާ ހުސްވެފައިވާކަން މިނިސްޓްރީއަށް އަންގާފައިވާ ހަމައެކަނި އަމިއްލަ ކުންފުންޏަކީ މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޑެޓް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ހައްޖަށްދިޔުމަށްއެދި ފައިސާ ދެއްކުމުގެ ކުރިން ކޯޓާ ހުސްވެފައިވޭތޯ ކަށަވަރުކުރުމަށްފަހު ނޫނީ އެއްވެސް ކުންފުންޏަކަށް ފައިސާ ނުދެއްކުމަށް އިސްލަމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަގުދު ފައިސާއިން އެއްވެސް ކުންފުންޏަކަށް ހައްޖަށް ދިޔުމުގެ އަގު ދެއްކުމަކީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުގައި މަނާކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ނަގުދު ފައިސާ ނުދެއްކުމަށާއި ބޭންކު މެދުވެރިކޮށް ފައިސާ ދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.