23 Apr 2015, 13:07
ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކޮށް، ދާއިރާގެ ތަރައްގީއަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ނޫސްވެރިކަމުގެ ގައުމީ ޝަރަފް ދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އެމްއެމްސީން ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު މުހައްމަދު އާމިރު (ފަރެސް އާމިރު) މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ ޝަރަފް ވެރިކަމުގެ އިނާމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ އެފަދަ އިނާމު ކަމަށެވެ. އެ އިނާމް ލިބިގެންދާނީ ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމަށް ހިދުމަތް ކޮށްދީފައިވާ ފަރާތަކަކަށް ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އެ ޝަރަފް ލިބިގެންދާނީ "ނޫސްވެރިކަމުގެ ޖުމުލަ ތަރައްގީ ދިގު މުއްދަތަކަށް" ކުރައްވާފައިވާ ބޭފުޅަކަށް ކަމަށެވެ.
"ނޫސްވެރިކަމުގެ ދިގު ތާރީހުގެ ތެރޭގަިއ އަޅުގަނޑުމެން މިބެލީ ކޮބައިތޯ އެންމެ ގިނަ ދުވަސްތަކެއް ވަނެދެން މަސައްކަތް ކުރެއްވި ބޭފުޅުންނަކީ، ދެން ބެލީ ގިނަ ދުވަހު މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން މެދުނުކެނޑި މިކަންކަން ކުރައްވަމުން ގެންދެވޭ ކޮން ބޭފުޅުންނެއްތޯ، ދެން އޭގެ އިތުރަށް މި ބެލީ މިފަދަ ބޭފުޅުންގެ ތެރެއިން ކޮން ބޭބޭފުޅުންނެއްތޯ އަޅުގަނޑުމެން ބަލާނީ ކޮން ކަންތައްތަކެއް ހިމަނައިގެންތޯ، ދެން އޭގެ ތެރޭގައި އަޅުގަނޑުމެން މިބެލީ މިންގަނޑެއް، މިންގަނޑުގެ މައްޗަށް ބަލައިގެން މިހޮވަނީ،" ފަރެސް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ އެ ކައުންސިލްގެ ކޮމެޓީއަކުން ހޮވާ އެ ޝަރަފް އަރުވާނީ އެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ކަމަށެވެ.
އެ ދުވަހު ދޭ ނޫސްވެރިންގެ އެވޯޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެކައުންސިލްގެ މެމްބަރު ހަފްސީ އަބުދުﷲ ވިދާޅުވީ މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިންނަށް ދޭ އެވޯޑަށް 15 ނޫސްވެރިޔަކު ކުރިމަތިލާފައިވާއިރު "ޖަޖް" ކުރުމުގެ މަސައްކަތް ފަސް ބޭފުޅަކު ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖަޖުކޮށް ނިންމާލެވޭނެ ކަމަށް ވެސް ހަފްސީ ވިދާޅުވި އެވެ.
އެ ދުވަހު ނޫސްވެރިންގެ މެދުގައި ބާއްވާ ބަހުސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ހުރިހާ މީޑިއާތަކަށް ދައުވަތު ދީގެން އޭގެ ތެރެއިން ހޮވާ ދެ ޓީމެއްގެ މެދުގައި ބޭއްވާ ބަހުސް އަކީ ވަރަށް ފޯރިގަދަ ބަހުސް އަކަށް ވެގެންދާނެ ކަމަށެވެ. އެ ބަހުސްގެ މަގުސަދަކީ ނޫސްވެރިންނަށް ހުރި މައްސަލަތައް ނޫސްވެރިންގެ ދުލުން ހާމަ ކުރުން ކަމަށް ހުސެއިން ވިދާޅުވި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރާ މެއި މަހުގެ ތިން ވަނަދުވަހު އެ ބަހުސް ހުރިހާ ހުރިހާ ޓީވީ ސްޓޭޝަންތަކުން ދައްކާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުކޫލު ކުދިންގެ މެދުގައި ނޫސްލިޔުމާއި ހަބަރު ކިޔުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް އެކައުންސިލް މެމްބަރު މުހައްމަދު ރަފީގް ވިދާޅުވި އެވެ. އެ ހަރަކާތުގައި މާލޭގެ ނުވަ ސުކޫލަކުން 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށާއި އެ މުބާރާތުގައި ވަނަވަނައަށް ދާ ކުދިންނަށް ނޫސްވެރިކަމުގެ މިނިވަން ދުވަހު ބާއްވާ ހާއްސަ ޖަލްސާގައި އިނާމް ދެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.