ސެޓަލައިޓް މެދުވެރިކޮށް މަސްވެރި ސަރަހައްދުތައް ހޯދައިދިނުމާއެކު މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް މިފްކޯ އާއި ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން ހާއްސަ ކެމްޕޭނެއް ހިންގުމަށް ނިންމައިފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މިފްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްލާއިލެވެ. ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހުމަދު މަނިކެވެ.

އެގޮތުން ފަށާފައިވާ ޕްރޮގްރާމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިންނަށް މަސްވެރި ކަމަށް ފަހި ސަރަހައްދުތައް ދެނެގަތުމުގެ އެއް މަސްދުވަހުގެ ޓްރަޔަލް ޕްރޮގްރާމެއް ހިންގުމާއި، މަސްވެރިން ބާނާ މަހުގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ ކެމްޕޭނެއް ހިންގާ ހޭލުންތެރި ކުރުވުން ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިފްކޯއާއި ފިޝަމަންސް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މަސްވެރިކަމަށް ފަހި ސަރަހައްދުތައް ހޯދައިދިނުމަށް ހިންގާ ޓްރަޔަލް ޕްރޮގްރާމަކީ އެމެރިކާގެ ޖީއޯއައި އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން ހާއްސަ ފީ އެއްގެ ދަށުން ހިދުމަތް އެއް މަސްދުވަހުގެ ޓްރަޔަލް އެއްގެ ދަށުން ފިޝަމަންސް އެސޯސިއޭޝަނާ ގުޅިގެން މިފްކޯއިން ކަނޑައަޅާ 20 ދޯންޏަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

އޭގެ އިތުރުން މަހުގެ ފެންވަރު ރަނގަޅު ކުރުމުގެ ކެމްޕޭނަކީ މަސްވެރިން ބާނާ މަސް އެންމެ ތާޒާކަންމަތީ ފެންވަރު ރަނގަޅު މަހުގެ ގޮތުގައި މަސްކިރުވާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެކެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރި އަދްލީ އިސްމާއިލް ވިދާޅުވީ ތާޒާމަސް މަސްކިރުވާ ފަރާތްތަކަށް ނުލިބުމުން ދުނިޔޭގެ ބާޒާރުގައި މަހަށް ލިބެންޖެހޭ ހަމަ އަގު ނުލިބޭ ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ މަސް އެފަދަ ފަރާތްތަކަށް ފޯރުކޮށްދެވޭނަމަ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށެވެ.

މިފްކޯ އާއި ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ތެރޭގައި މިފްކޯއިން ގާއިމްކުރަމުން ގެންދާ މަސްވެރިންގެ މެރީނާތަކުގައި ފިޝަމަންސް އެސޯސިއޭޝަންގެ ފިޝަމަންސް ކޮމިއުނިޓީސެންޓަރު ގާއިމްކުރުމާއި، އެ ސެންޓަރުތައް މެދުވެރިކޮށް މަސްވެރިންނަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދެ އެވެ.