23 Apr 2015, 12:31
މީހުން ޓްރެފިކް ކުރުމުގައި އެކަށީގެންވާ އަދަބު ދޭ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވާން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމިޓީން ނިންމައިފި އެވެ.
އެ މުއާހަދާގައި ބައިވެރިވުމަށް ފެންނަ ކަމަށް ކޮމިޓީން ނިންމީ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލައްބިއްޔަތުންނެވެ.
ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު އަދި އެ މުއާހަދާއަކާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމެވުމުން ކަމަށެވެ.
އެ މުއާހަދާ އަކީ ޓްރެފިކް ކުރާ ފަރާތްތައް ހާއްސަކޮށް އަންހެނުންނާ ކުޑަކުދިން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި އެގައުމުތަކުންނާ ޓްރާންސިޓު ގައުމުތަކުން އަދި ޑެސްޓިނޭޝަނަލް ގައުމުތަކުން ގެންގުޅޭނެ އަދި ބައިނަލް އަގުވާމީ ގޮތުން ބަލައިގަންނަ އޮނިގަނޑެއް ތައްޔާރުކުރުމުގެ މުހިއްމުކަމެެއްގެ މައްޗަށް ބިނާކޮށް އެފަދަ މީހުން އެކަށޭނެ އަދަބު ދިނުމުގެ ގޮތުން އުފައްދާފައިވާ މުއާހަދާއެކެވެ. ޓްރެފިކު ކުރާ ފަރާތްތަކަށް ގެއްލުން ލިބޭ ނުވަތަ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަންދީ އެފަރާތްތަކުގެ އަސާސީ އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެ މުއާހަދާގެ ދަށުން ބާރު އަޅާނެ އެވެ.
ފޮރިން މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް އެ މުއާހަދާއާ ގުޅޭ ގޮތުން ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި އާންމުވަމުންދާ ގައުމީ ފެންވަރުގައި އެކަމަށް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ. އެމެރިކާގެ ސްޓޭޓު ޑިޕާޓުމަންޓުން އަހަރަކު އެއްފަހަރު ޝާއިއުކުރާ "ޓްރެފިކިން އިން ޕާސަންސް" ރިޕޯޓުގައި ވިދިވިދިގެން ދެ ފަހަރު ރާއްޖެ ވަނީ ހިމެނިފައި އެވެ.
އެ މުއާހަދާގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެގޮތުން ކޮންމެ މެމްބަރު ގައުމަކުން ވެސް ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ޕޮލިސީތައް އެކުލަވާލާ ޕްރޮގުރާމްތައް ހިންގަން ޖެހެ އެވެ. އެގޮތުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގުރާމުތަކާ ތަފާތު މީޑިއާ ކެމްޕޭނުތައް އެ މުއާހަދާގެ ދަށުން ކުރަންޖެހެ އެވެ.
މުހާދާގެ 11ވަނަ މާއްދާގެ ދަށުން ކޮންމެ މެމްބަރު ގައުމަކުން ވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުނުވާ ގޮތެއްގެ މަތީން ޓްރެފިކިންގެ އަމަލުކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި ބޯޑާ ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެގޮތުން މުއާހަދާގައި ބަޔާންކުރާ ކުށްތައް ކުރުމުގައި ވިޔަފާރި އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް ގެންނަންޖެހެ އެވެ. އަދި އެގައުމެއްގެ ސަރަހައްދަށް ވަންނަ ވިޔަފާރި އުޅަނދުތަކާއި އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް "ޓްރެވަލް ޑޮކިއުމަންޓްސް" ގެނައުން އެ މުއާހަދާގެ ދަށުން ލާޒިމް ކުރެ އެވެ.