ބަދުއަޚުލާގީ އަމަލުތަކުގައި ޝާމިލްވާ ކަމަށް ބުނާ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ފަރާތްތައް، އެ މަގާމުތަކުން ވަކިކުރެއްވުމަށް ގައުމީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގޮވައިލައިފި އެވެ.

ގައުމީ ޕާޓީން ރައީސް ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނަނީ، "ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބަޔަކު ހިންގާފައިވާ ހުތުރު އަމަލާ ގުޅޭގޮތުން މަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މީޑިއާއަށް ދެއްވާފައިވާ މައުލޫމާތުން އެނގޭގޮތުގައި ފުލުހުން ތަހުގީގުކުރާ މައްސަލަތަކާއި ބެހޭ މައުލޫމާތު ދުވަހުން ދުވަހަށް މަނިކުފާނަށް އަރުވާ" ކަމަށެވެ. އަދި އެ މަންޒަރާއި ފޮޓޯ ފުލުހުންނަށް ލިބިފައިވާކަން ފުލުހުން މީޑިއާއަށް ހާމަކޮށްފައިވާ މަޢުލޫމާތުން އެނގޭ ކަމަށް ވެސް ސިޓީގައި ވެއެވެ.

"އެހެންކަމުން މިހާރު ފެންމަތިވެގެން އުޅޭ، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ބަދުއަޚުލާގީ އަމަލުތަކާގުޅޭ ވީޑިއޯއާއި މަންޒަރުތަކާއި ގުޅޭ ތަފްޞީލް މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމުގައި ޤަބޫލުކުރެވެއެވެ. އެހެންކަމަށްވުމާއެކެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން މިފަދަ ހަޑިމުޑުދާރު އަމަލުތަކެއް ފެނިފައިވާތީ، ފުލުހުން މިމައްސަލަ ތަހުގީގުކޮށް ނުނިމުނުކަމުގައި ވިޔަސް މި ބަދުއަޚުލާގީ އަމަލުގައި ޝާމިލްވާ ސަރުކާރުގެ އިސް މަޤާމް ތަކުގައި ތިއްބެވި ފަރާތްތައް އެ މަޤާމްތަކުން ވަކިކުރުމަށް މަނިކުފާނަށް ގޮވާލަމެވެ،" ގައުމީ ޕާޓީގެ އަމީން އާއްމު ސޮއިކުރައްވައި ފޮނުއްވި އެ ސިޓީގައި ވެއެވެ.

އަދި ބަދުއަޚުލާޤީ އަމަލުތައް ހިންގުމުގައި ޝާމިލްވާ ކަމަށް ބުނާ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާމެދު ވީހާވެސް އަވަސްގޮތަކަށް ފިޔަވަޅުއަޅުއްވައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނަނީ، އެބޭފުޅުން މަގާމުތަކުން ވަކިނުކުރައްވާ ގެންގުޅުއްވާނަމަ ބެލެވޭނީ ރައީސް ނަޝީދަކީ "ހުތުރުވެގެންވާ އަމަލުތަކަށް ތަރުހީބުދެއްވާ ބޭފުޅެއް ކަމަށެވެ. "އަދި މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ހަރުދަނާ އުޞޫލެއްގެ މަތިން ފިޔަވަޅު ނާޅުއްވައިފިނަމަ މަނިކުފާނަކީ މިފަދަ ޢަމަލުތަކަށް ތަރުޙީބު ދެއްވާ، މުޖުތަމަޢުގެ އަޚުލާޤީ ފޭރާން ހެޔޮކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ބޭފުޅެއްކަމުގައި ރައްޔިތުންނަށް ޤަބޫލުކުރަން މަޖުބޫރުވާނެ،" ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައި ވެއެވެ.

"މިކަން ވެގެންދާނީ ދައުލަތުގެ ވެރިންނާމެދު ރައްޔިތުންގެ މެދުގައި ދެވިފައިވާ ގަދަރާއި އިއްޒަތް ގެއްލި ވެރިކަމުގެ ހައިބަތާ ކަރާމަތަށް ވަރަށް ބޮޑު އުނިކަމެއް ގެނުވާނެ ކަމަކަށެވެ."

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ދައުލަތުގެ އިސްވެރިން ބްލެކްމެއިލްކުރަން އުޅުން ކަމަށް ބުނާ މައްސަލައިގައި، ވަކި ބޭފުޅުންކޮޅެއްގެ އެފަދަ ފޮޓޯތަކެއް ހުރި ކަމަށް އަޑުފެތުރިފައިވާ ނަމަވެސް، އެއީ ޝަރީއަތުން ސާބިތުވާން ޖެހޭ ކަމެއް ކަމަށާއި ޝަރީއަތުން ސާބިތުނުވާހާ ހިނދަކީ އެއީ "ހުސް ތުހުމަތުތަކެއް" ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި، ޤާނޫނީ ގޮތުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.