12 Apr 2010, 10:39
10:00
ދިވެހި އަންހެނުންނަކީ ގިނަ މައިދާންތަކުގައި ފިރިހެނުންނަށް ވާގިވެރިވާ، އެހާމެ ހިތްވަރުގަދަ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދެޖިންސުގެ ހަމަހަމަކަމާއި، އެކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެން، ބަޖެޓް ތައްޔާރު ކުރުމުގެ މަޢްލޫމާތު ދިނުމުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އިއްޔެ ހަވީރު ސްޓެލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި، ފިރިހެނުންނާއި އަންހެނުންގެ ބޭނުންތަކާމެދު ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. ހަމައެއާއެކު، ދެޖިންސުގެވެސް ބޭނުންތަކަކީ ކޮބައިކަން ދެނެގަނެ، ދެފަރާތަށްމެ ހަމަހަމަވާނެ ގޮތުގެ މަތިން އެކިކަހަލަ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގެ މަސައްކަތުގައި، ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، ޚާއްޞަކޮށް، ސިޔާސަތުތައް ކަނޑައަޅައި، އެސިޔާސަތުތައް ތަންފީޒު ކުރުމުގައިވެސް މިވިސްނުން ފުރިހަމަކޮށް ބައްޓަން ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.