ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ޕްރައިމަރީއަށް ކުރިމަތިލެއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު ހާނިމުގެ ނަން ވެސް ނަންގަވައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ހާނިމްގެ ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ހާނިމް ނަން އަނބުރާ ގެންދަވަން ނިންމެވި ސަބަބެއް ނޭނގޭ ކަމަށާއި ޕްރައިމަރީން ނަން ނަގައިދިނުމަށް އޭނާ ސިޓީއެއް ފޮނުއްވާފައިވާ ކަމަށް އޮފިޝަލް ސަންއަށް ކަށަވަރުކޮށްދެއްވި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ މ. ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް ވެސް ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.

ތިން ބޭފުޅަކު ޕްރައިމަރީ އިން ނަން އަނބުރާ ނެގުމަށް އެދިފައިވާއިރު ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނީ ފާރިޝް މައުމޫންގެ އިތުރުން މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރެވެ.

ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން ފެށިގެން 5:00 އަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.